ސައިކަލު ރޭސް ޖަހާ އުމުރުން އެންމެ ދުވަސްވީ މީހާގެ ރެކޯށް ނިއު ޒީލެންޑްގެ އުމުރުން 98 އަހަރުގެ މީހަކަށް ލިބިއްޖެ އެވެ.
ލެސްލީ ހެރިސް އެންމެ ފަހުން ސައިކަލު ރޭސް މުބާރާތެއްގައި ވާދަކުރި އިރު، އޭނަގެ އުމުރަކީ 97 އެވެ. މިއާ އެކީ ގިނިސް ވޯލްޑް ރެކޯޑް މިހާރު ވަނީ ހެރިސް އަށް ސައިކަލު ރޭސް ޖަހާ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ކަށަވަރުކޮށް ދީފަ އެވެ.
ހެރިސް އެންމެ ފަހުން ވާދަކުރި މުބާރާތަކީ އޯކްލެންޑްގައި ފެބްރުއަރީ މަހު ބޭއްވި "43 ވަނަ ކްލަސިކް މޮޓޯސައިކަލް ފެސްޓިވަލް" އެވެ. މި މުބާރާތުގައި އޭނައާ އެކީ އާއިލާހެ ދެ މީހަކު ވެސް ވާދަކުރި އެވެ. އެއީ ދޮށީ ދަރިފުޅު 64 އަހަރުގެ ރޮޑްގެ އިތުރުން އަންހެން ކާފަދަރިއެއް ކަމަށްވާ އޯލީވިއާ، 21، އެވެ.
އުމުރު މިހާރު ގަރުނަކާ ގާތްކޮށްފައި ވިޔަސް ހެރިސް ބުނި ގޮތުގައި ސައިކަލު ރޭސްޖެހުން ދޫކޮށްލުމެއް ނެތެވެ. އޭނަ ބުނީ ދުނިޔޭގައިު ހުރިހާ ދުވަހަކު މި ކުޅިވަރުގައި ސިއްހަތު ތަންދިން މިންބަރަކުން ބައިވެރިވާނެ އެވެ. ހެރިސް އަކީ މުބާރާތްތަކުގައި ވާދަކޮށްގެން، އޭނަ ވާދަކުރި ކެޓަގަރީތަކުން ވަނަ ވެސް ހޯދާފައިވާ މީހެކެވެ. އެގޮތުން އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކުރި އިރު، އުމުރަކީ 93 އަހަރެވެ. އެއީ ދެހާސް ނަވާރައިގަ އެވެ. އަދި އޭރު މުބާރާތުގައި ވާދަަކުރީ އުނަގަނޑުގެ ކަށިގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އުމުރުން ކިތަންމެ ދުވަސް ވިޔަސް ހެރިސް ފެންނަނީ ވަރަށް ފިޓްކޮށެވެ. އަދި އޭނަ އަކީ ހަމަ "ސްޓައިލް" ގައި ރޭސްޖަހާ މީހެކެވެ.
"މިކަމެއް އަދިއެއް ނުހުއްޓޭނެ. ރޭސް ޖެހުން އަދިވެސް ކުރިއަށް އޮތީ." ހެރިސް ބުންޏެވެ.
އޭނަ ބުނި ގޮތުގައި މިހާރު އަމާޒަކީ އަންނަ އަހަރު ތަންކޮޅެއް ގިނަ މުބާރާތްތަކުގައި ބައިވެރިވުމެވެ. އެގޮތުން އަންނަ އަހަރު ބާއްވާ "44 ވަނަ ކްލަސިކް މޮޓޯސައިކަލް ފެސްޓިވަލް" އަށް ވަރަށް އިންތިޒާރު ކުރެވޭ ކަމަށް ބުންޏެވެ.
"އެ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައި. ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ އެ މުބާރާތަށް." ވަރަށް ޒުވާން އުމުރުގައި ރޭހުގެ ތެރެއަށް ވަން ހެރިސް ބުންޏެވެ.
އޭނަ އެންމެ ފުރަތަމަ ސައިކަލު ރޭސިން މުބާރާތެއްގައި ބައިވެރިވީ މީގެ 70 އަހަރު ކުރިން 1953 ގަ އެވެ.