ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން ނިންމަވައިފި އެވެ.
މުއިއްޒާ އެކީ ނަންވާފައިވާ ފޮޓޯއަކާ އެކީ އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މުޢިއްޒަށް ތާއީދުކުރައްވަން ނިންމެވީ، ޤާނޫނީ ވެރިކަން ނަގަހައްޓައި، ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ފަހި ހާރިޖީ، އިގުތިސާދީ، އިޖުތިމާޢީ ސިޔާސަތެއް ގެންގުޅުއްވާނެތީ ކަމަށެވެ.
"ސިޔާސަތުތައް ތަންފީޒު ކުރުމުގައި މާތްވެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫކުތަކަށް ރިއާޔަތްކުރައްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވި." މުހުތާޒް ވިދާޅުވި އެވެ.
#Vote4Muizzu✅️4️⃣#DrMuizzuSembe2023 #DhiveheengeRaajje @MMuizzu @HucenSembe pic.twitter.com/kCjKHw90oX
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) September 14, 2023
ޕީއެންސީ/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓަށް އިންތިހާބުގެ ދެވަނަ ބުރުގައި މުހުތާޒް ތާއީދު ކުރައްވަން ނިންމެވި އިރު، އޭނަ އަކީ ޕީޕީއެމްގެ ވެރިކަމުގައި 17 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ބޭފުޅެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި އޭނަގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.
އެ ހުކުމް މުހުތާޒްގެ މައްޗަށް ޖޫން 9، 2016 ގައި އައީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު އސދ. މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި ފޭކް އަމުރެއް ހެދި މައްސަލައި އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ.
މުހުތާޒަށް އިއްވި ދައުވާތައް ބާތިލުކޮށް ޖަލުން މިނިވަންކުރީ 2018 ގެ ފަހުކޮޅު އެވެ.