ޕީއެންސީގެ ރިޔާސީ ކެންޑުޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވުރެ ހީލަތްތެރި ބޭފުޅެއް ކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރިގްރާމްގައި މިއަދު ހެނދުނު މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު ވިދާޅުވީ މުއިއްޒަކީ ޔާމީނަށް ވުރެ އެތައް ގުނަ ހީލަތްތެރި އަދި އަނިޔާވެރި ބޭފުޅެއް ކަމަށެވެ. މުއިއްޒުގެ އަނިޔާ އާއި ހީލަތްތެރިކަމުގެ ވާހަކަ ޖާބިރު ދެއްކެވީ އޭނަގެ އަމިއްލަ ތަޖުރިބާ އަށް އިޝާރާތް ކުރައްވަ އެވެ.
އެގޮތުން މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގެ ދުވަސްވަރު ކުރީގެ ވެސްޓް ޕާކް އޭނަގެ އަތުން އޭނާގެ އަތުން އަތުލެއްވީ ޒާތީ ގޮތުން ކަމަށާއި އެއީ މަޖިލީހުގައި ހިނގައި ދިޔަ ކަމެއްގެ ސަބަބުން މުއިއްޒު ކުރެއްވި ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ތުހުމަތު ކުރެއެއްވި ގޮތުގައި މުއިއްޒަކީ އަބަދުވެސް ވަރަށް ހީލަތްތެރިކަމާ އެކީ މަަސައްކަތް ކުރައްވާ ބޭފުޅެކެވެ.
"ޔާމީން ވެއްޖެއްޔާ ކުރާ ކަންކަން މޫނުމަތިން ފެންނާނެ. މީނަ ވެއްޖެއްޔާ ނޭނގޭނެ. މޫނުމަތިން ވެސް ނުފެންނާނެ." ޖާބިރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި މުއިއްޒަކީ އަބަދު ވެސް ވެރިކަމާއި ބާރާ ހެދީ އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ވަރަށް ކުރީއްސުރެން ފެށިގެން މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ޖާބިރު ވިދާޅުވި އެވެ. އޭނަ ތުހުމަތު ކުރެއްވި ގޮތުގައި މުއިއްޒު ރިޔާސީ ޓިކެޓް ހޯއްދެވީ ވެސް ނުފޫޒުގެ ތެރެއިންނެވެ. އަދި މުއިއްޒަކީ ޔާމީން އެއްވެސް ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ މުއިއްޒަކީ ވެރިކަން ލިބުވަޑައިގެންފި ނަމަ "އަނދިރިވެރި ކަމެއް" ކުރައްވާނެ ބޭފުޅެކެވެ. އެކަމަކު އެފަދަ ދައުލަތެއްގެ ވެރިކަން ރާއްޖޭގައި އޮންނަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް ވިދާޅުވިއެެވެ.
"…މުއިއްޒު ވެރިކަން ކުރައްވަން، މަޖިލީހުގެ ކޮންޓްރޯލް ހޯއްދަވާނީ މަޖިލީހުގެ ބާރު ބައްލަވައިގަނެގެން. މުއިއްޒު އަކީ ފައިސާ އިން ކަންކަން ކުރައްވާ ބޭފުޅެއް،" ޖާބިރު ވިދާޅުވި އެވެ. "މުއިއްޒު އަކީ ޔާމީނަށް އިޚުލާސްތެރި އެއް ކަމަށް ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޔާމީން ޖަލުގައި ހުންނެވުމުން."