ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމާ ރޭ އިތުރު ބަޔަކު ގުޅިއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވަނީ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ. ޕީޕީއެމާ ރޭ ގުޅުނު މީހުންގެ ތެރޭގައި މަޝްހޫރު ބައެއް މީހުން ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި މިއުޒިކީ އަދި ފިލްމީ ބައެއް ފަންނާނުން ވެސް ހިމެނެ އެވެ. އެގޮތުން ލަވަކިޔުންތެރިޔާ މުނީފާ އާއި އެކްޓަރު ހާމިދު އަލީގެ އިތުރުން ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދާއި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ލުބުނާ މުހައްމަދު ޒާހިރު ހުސައިން ވެސް ހިމެނެ އެވެ.
މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރައްވާ އިރު، އިދިކޮޅު ކޯލިޝަނާ ގުޅޭ މީހުން އަންނަނީ އިތުރުވަމުންނެވެ. އޭނަ އަކީ އިންތިހާބުގެ ފުރަތަމަ ބުރުގައިު އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓެވެ.
މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި މުއިއްޒު ވާދަކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެވެ.