ޓޫރިޒަމް ދާއިރާގެ ކުރިއެރުމާއި އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހައްގުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ކުރިން ޓޫރިޒަމް ދާއިރާގައި އުޅުއްވި އަދި އެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާކު ކުރެއްވި އީސަ ވިދާޅުވީ މާޒީ އަށް ބަލާ އިރު، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މުއިއްޒަށް އެއްވެސް ކަމެއް ނުކޮށް ދެވޭނެ ކަމަށާއި ޕީޕީއެމްގެ ސަރުކާރުގައި އެކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރާއްޖެ ޓީވީގައި އީސަ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް މި މަހުގެ 30 ގައި ނުކުންނަ އިރު، މުއިއްޒަށް ވޯޓް ދިނުމާ އެކު ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.
އެހެންވެ ބަލާ އިރު، މުއިއްޒު ފަދަ ބޭފުޅުންގެ އިހުލާސްތެރިކަމާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ބާރުވެރިކުރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އީސަ ވިދާޅުވީ ރާއްޖޭގައި ޕީއެމްއެމްގެ ވެރިކަމުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. ހާއްސަކޮށް ދިވެހި މުވައްޒަފުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމުން 2013 ގައި ވެރިކަމަށް އައި އިރު، އެ ސިނާއަތުގައި 55 ޕަސެންޓް ދިވެހިން ތިބެން ވާނެ ކަމަށް ގަވާއިދުގައި ލިޔެފައި އޮތް މާއްދާ ބަދަލުކޮށް 45 ޕަސެންޓަށް ދިވެހިންގެ ނިސްބަތް ދަށްކުރި ކަމަށް އީސަ ވިދާޅުވި އެވެ.
"އިންސާނުންނަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ މާޒީވެދިޔަ ދުވަހުގެ ތަޖުރިބާ އަށް ބަލައިގެން އަންނަން އޮތް ދުވަހުގެ ތަސައްވުރެއް ކުރުން. މާޒީވެ ދުވަހުގެ ތަޖުރިބާއަށް ބަލައިފިއްޔާ އަޅުގަނޑަށް ތަސައްވުރު ކުރެވޭކަށް ނެތް ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ކުދިންނަށް އެއްވެސް ކަމެއް ކޮށްދޭނެ ކަމަކަށް،" އޭނަ ވިދާޅުވި އެވެ. "ޕީޕީއެމް ފަސް އަހަރު ދުވަހުގެ ވެރިކަމެއް ކުރިއިރުގައި ކެބިނެޓްގައި މިކަންކަމަށް ބަސްބުނަން އިންނެވި. ސަރުކާރުން ލައްވާ މިކަންކަން ކުރުވަން ބާރުއަޅަން އިން ބޭފުޅާ އެއިން އެއްވެސް ކަމެއް ކޮށްފައި ނެތް. އެ ބޭފުޅާ އަށް [މުއިއްޒު އަށް] ދިވެހި ރާއްޖޭގެ ވެރިކަން ދީގެން އަޅުގަނޑުމެންނަށް ކޮން އުންމީދެއް ކުރެވޭނީ؟"
އީސަ ވިދާޅުވީ މި ތަޖުރިބާ އަށް ބަލާ އިރު މުއިއްޒުގެ ވެރިކަމެއްގައި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނަށް އެއްވެސް ކަމެއް ކޮށް ނުދޭނެ ކަމަށެވެ.
އޭނަ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ގާނޫނީ ބާރުވެރިކަން ދިނީ މިސަރުކާރުން އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި އެކަން ފާއިތުވި މި ފަސް އަހަރުގެ ތެރޭގައި ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށް، ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާ ޓީމުން ރައީސަށް ތާއީދުކުރަން ނިންމިކަން އިއުލާންކުރި އެވެ.