މަސް ގަންނަ އަގު ބޮޑު ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މަސްވެރިން މަރުހަބާ ކިޔައިފިއެވެ.
މިފްކޯއިން ވަނީ މަސް ގަންނަ އަގު 17 އިން 25 އަށް ބޮޑުކޮށްފައެވެ.
މަސް ގަންނަ އަގު ސަރުކާރުން ބޮޑު ކުރަން ނިންމި އިރު ރޭ އެމްޑީޕީން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ބައްދަލުކޮށްފަ އެވެ.
މަސް ގަންނަ އަގު ބޮޑު ކުރުމާއި ގުޅިގެން މަސްވެރިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންނަށް ހެޔޮ ވެރިއެއް ކަމަށެވެ. އެގޮތުން މަހުގެ އަގު ބޮޑު ކުރުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ.
މަސް ގަންނަ އަގު ބޮޑުކުރިއިރު، ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ބުނީ މަހުގެ އަގު ބޮޑު ކުރީ ޔޫރަޕަށް ބޭރު ކުރާ މަހުގެ ޑިއުޓީ ކުޑަކުރެވޭނެ ކަމުގެ ޔަގީން ކަން އޮތުމުންނެވެ.
ރިޔާސީ އިންތިހާބަށް 14 ދުވަހަށް ވެފައި ވަނިކޮށް މަސް ގަންނަ އަގު ބޮޑު ކުރީކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ރައީސް ސޯލިހުއަށް ފާޑު ކިޔަމުންނެވެ. ނަމަވެސް މަސްވެރިން ބުނީ މަހުގެ އަގު ބޮޑު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.