ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރެލްގެ މަގާމުގައ ހުންނެވި އަލީ އާރިފު ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނަ ދޮގުކުރައްވައިފި އެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޖޭޕީން ވަކިވެވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އޭނަ ވަރަށް އަވަހަށް ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އާރިފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އޭނަ މިހާރު ޖޭޕީން ވަކިވެވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އާރިފް ވިދާޅުވެފައި ވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. އަދި ޕާޓީ ދޫކޮށްލައްވާ ނަމަ އެކަން ކުރައްވާނީ ލީޑަރު ގާސިމް އިބްރާހީމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ގާސިމަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން އެކެކެވެ. އަދި އޭނަ އަކީ އެންމެ މަދުން ވޯޓް ލިބިވަޑައިގަތް އެއް ކެންޑިޑޭޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. އެ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.