ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަނބިކަނބަލުން އައިޝަތު ނަހުލާ އަކީ މިނިވަނެއް ކަމަށާއި އޭނަ އަކީ ކުރައްވާ ކަންކަން އަމިއްލަ އަށް ނިންމަވާ ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖޭޕީން ނިންމި ގޮތް ހާމަކުރަން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވި އޭނަ އަކީ އެއް އިރެއްގައި ވެސް އަނބިންނާއި ދަރިންނަށް ވަކި ގޮތަކަށް ކަންކަން ކުރައްވަން އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.
އެހެންވެ ނަހުލާ އުޅުއްވާ ނޫޅުއްވާ ގޮތް ބެއްލެވުމަށް ފާރަލައްވަން ޝައުގުވެރި ކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
މި މަހުގެ 9 ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބިރުގައި ގާސިމު ވާދަކުރެއްވި އިރު ނަހުލާ ވޯޓް ނުލައްވާތީ އެކަމާ ސުވާލުކުރމުން ރާއްޖޭގެ އެންމެ ބޮޑު މަހޖުޖަނު ވިދާޅުވީ އަންބަކަށްވާތީ ނުވަތަ ދަރިއަކަށް ވީތީ ވަކި ކަމެއް ކުރުމަށް އެެއްވެސް މީހަކަށް ލާޒިމު ވެސް ނޫން ކަމަށެވެ.
"އޭނާއަކީ [ނަހުލާ] މިނިވަނެއް. އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލާ ފާރަލާކަށް،" ގާސިމު ވިދާޅުވި އެވެ. "އޭނާގެ އަމިއްލަ އިހްތިޔާރުގަައި އޮންނާނީ އެބޭފުޅާ ކަންތައް ކުރައްވާ ގޮތެއް."
ނަހުލާ އަކީ ޖޭޕީގެ ނައިބު ލީޑަރެކެވެ. އަދި އޭނަ އަކީ އިންތިހާބަށް ގާސިމާ އެކީ ކެމްޕޭންގައި ވަރަށް ބޮޑަށް އުޅުއްވައި، މި ފަހޖަރަކީ ގާސިމު ފަހަހަރު ކަމަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގަތް ބޭފުޅެކެވެ.
މި ފަހަރުގެ އިންތިހާބަކީ ގާސިމު ވާދަކުރެއްވި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން އޭނަ އަށް އެންމެ މަދުން ވޯޓް ލިބިވަޑައިގަތް އިންތިހާބެވެ. ތިން ވަނަ ފަހަރަށް ވާދަކުރެއްވި އިންތިހާބުގައި ލިބިވަޑައިގެންނެވީ 5،460 ވޯޓެވެ. ޖޭޕީ އަކީ 22،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ޕާޓީއެކެވެ.