މި މަހުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އައިޑީ ކާޑު ހައްދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން މިއަދު ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވުމުގެ މި މަހުގެ 30 ގެ ނިޔަލަށް މުއްދަތު ހަމަވާ އައިޑީ ކާޑާއި އަލަށް 18 އަހަރު ފުރިގެން އައިޑީ ކާޑު ހައްދަން ޖެހޭ މީހުން ކާޑު ހައްދަން ހުށަހަޅަން މި މަހުގެ 21 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހު ސުންގަޑި އަކީ އެ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރި އެވެ.
އައިޑީ ކާޑު ހައްދަން ޑީއެންއާރްގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. ވޯޓްލެވޭނީ މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޕާސްޕޯޑް ކާޑު ފަދަ ރަސްމީ ލިޔުމެއް އޮވެގެންނެވެ.
ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވެ އެވެ. އެ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.