ދަރިފުޅު ވަރޫން ދަވަނާ އެކީ ޑައިރެކްޓަރު ޑޭވިޑް ދަވަން ހަތަރު ވަނަ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކުރާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ މިއުޒިކަލް ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. އެގޮތުން ޑޭވިޑްގެ ފިލްމުތަކުގައި އާންމުކޮށް އެކުލެވޭ ހުރިހާ ރަހައެއް، އާ ފިލްމުގައި ހިމެނޭމެ ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް ފިލްމު އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ވަރުން 2012 ގައި ބޮލީވުޑަށް ނުކުތް ފަހުން ޑޭވިޑް މުޅިން ވެސް ފިލްމުތައް ހަދަނީ ދަރިފުޅު ވަރޫން ހިމަނައިގެންނެވެ. އެގޮތުން ދެބަފައިން އެންމެ ފުރަތަމަ އެކީގައި ގެނެސްދިނީ 2014 ގެ "މޭ ތޭރާ ހީރޯ" އެވެ. އޭގެ ފަހުން 2017 ގައި "ޖުޅުވާ 2" ގެނެސްދިނުމަށް ފަހު 2021 ގައި "ކޫލީ ނަމްބަރު 1" ގެނެސްދިނެވެ.
ވަރޫންއާ އެކީ ޑޭވިޑް ހަދަން ތައްޔާރުވާ އާ ފިލްމަކީ އޭނަ ޑައިރެކްޓްކުރާ 46 ވަނަ ފިލްމެވެ. ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޑޭވިޑްގެ ކުރީގެ ފިލްމުތައް އެންމެ ގިނައިން ކުޅުނު އެކްޓަރުންގެ ތެރޭގައި ގޯވިންދާ އާއި ސަލްމާން ޚާންގެ އިތުރުން ސަންދޭ ދަތު ހިމެނެ އެވެ.
ވަރޫން މިހާރު އަންނަނީ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ އެކްޝަން ތުރިލާގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.