ދާދި ފަހުން "އެކްސް" އަށް ރިބްރޭންޑްކުރި ޓްވިޓާ ބޭނުންކުރާ އެންމެން ފީއެއް ދައްކަން ޖެހިދާނެކަމުގެ އިޝާރާތެއް އީލޮން މަސްކް ދެއްވައިފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކީ އިއްޔެ ކުރިއަށް ގެންދިޔަ ލައިވް ސްޓްރީމިންއެއްގައި އީލޮން ވިދާޅުވީ "އެކްސް" ބޭނުންކުރާ އެންމެން ކޮންމެ މަހަކު ވެސް "ކުޑަވަރެއްގެ ފީއެއްގެ" ދައްކަން ޖެހިދާނެ ކަމަށާއި މީގެ ސަބަބުން ބޮޓް އެކައުންޓްތަކުގެ މައްސަލަތައް ވެސް ހައްލުވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް "އެކްސް" އިން އާންމުކޮށް ހުރިހާ އެންމެންގެ އަތުން މަހު ފީއެއް ނެގުމާ ގުޅޭ ގޮތުން އީލޮން އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
LIVE: Speaking with @elonmusk about how we can harness the opportunities and mitigate the risks of AI for the good of civilization. https://t.co/XiAQwOXzcP
— Benjamin Netanyahu – בנימין נתניהו (@netanyahu) September 18, 2023
"މިކަން ކުރަން ބޭނުންވާ އެންމެ މުހިއްމު އެއް ސަބަބަކީ ބޮޓް އެކައުންޓްތަކުގެ މައްސަލަ ހައްލުކުރުން." އޭނަ ވިދާޅުވި އެވެ.
"އެކްސް" ގައި މިހާތަނަށް މަހު ފީއެއް ދައްކާ ގޮތަށް އޮތީ "ޓްވިޓާ ބްލޫ" ގެ ނަމުގައި އޮތް ހިދުމަތަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު 44 ބިލިއަން ޑޮލަރަށް އީލޮން ޓްވިޓާ ބައްލަވައިގަތުމާ އެކީ ގެންނެވި ބަދަލުތަކުގެ ތެރޭގައި ވެރިފިކޭޝަން ދަމަހައްޓަން މަހު ފީއެއް ދައްކަން ޖެހުން ވެސް ހިމެނެ އެވެ.
އެ ޕްލެޓްފޯމަށް ގެންނަން ފެށި މިފަދަ ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އިލޮން އަށް އަމާޒުވެ، "އެކްސް" ދޫކޮށްލި މީހުން ވެސް މަދެއް ނޫނެވެ.