Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ދިއްދޫ ފަރަށް ދިން ގެއްލުމަށް 100 މިލިއަންގެ ޖޫރިމަނާއެއް

ދިއްދޫ ފަރަށް މޭއި 2023 ގައި އެރި ޓަގު ބޯޓު -

މިދިޔަ މޭއި މަހު ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ކުންފުނިން 100 މިލިއަން ރުފިޔާއިން އެންވަރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ޖޫރިމަނާކޮށްފިއެވެ.

މިދިޔަ މޭއި މަހު އެކުންފުނީގެ ބާޖެއް ކަމަށްވާ "މުތާ ޕްރައިޑް" އަދި ޓަގު ބޯޓެއް ކަމަށްވާ "މުތާ ޕްރިންސެސް" ވަނީ ހއ. ދިއްދޫ ފަރަށް އަރާފައެވެ. މި ބޯޓު ފުންކޮށްފައިވަނީ ފަރަށް އެރިތާ ތިން ދުވަސް ފަހުންނެވެ. މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އީޕީއޭއަށް ދިއްދޫ ކައުންސިލުން މައްސަލަ ހުށަހަޅާފައިވާއިރު، އީޕީއޭއިން ވަނީ ތިމާވެށީގެ ޤާނޫނުގެ ދަށުން ދެ އުޅަނދު ނިސްބަތްވާ ސިންގަޕޫރުގެ އެޗްއާރްއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި 30 ދުވަހުގެ ތެރޭ ޖޫރިމާނާ ދެއްކުމަށް ވަނީ އަންގާފައެވެ.

މި ދެ އުޅަނދު ފުންކޮށް ނިމުމުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން އީޕީއޭއިން ބަލާފައިވަނީ 12 މޭއި ގައެވެ. މިގޮތުން ބެލި ބެލުމުން 4038 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ފާހަގަވި ކަމަށް އީޕީއޭއިން ބުނެއެވެ. މި ގެއްލުމުގެ ބަދަލުގައި އީޕީއޭއިން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 101،743،400ރ. ކަމަށް އީޕީއޭއިން ބުނެއެވެ.

ނަމަވެސް ޤާނޫނީ ހަމަތަކުގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައި އޮތުމުން ޖޫރިމަނާކޮށްފައިވަނީ އެންމެ ބޮޑު އަދަދު ކަމަށްވާ 100 މިލިއަން ރުފިޔާއިން ކަމަށް އީޕީއޭއިން ބުނެއެވެ.

މިފައިސާ ހޯދުމަށް ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް، މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމުމުން ހަމަޖެހިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން މައްސަލައިގެ އިސްތިއުނާފު ނިމުމުން އެޓާނީ ޖެނެރަލް މެދުވެރިކޮށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.