Last Updated: May 11, 20:40
Sunday, May 11, 2025
ކުޅިވަރު

ފުރަތަމަ މެޗުން ސިޓީ، ބާސާ އަދި ޕީއެސްޖީ އަށް މޮޅެއް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ އަދި ޕީއެސްޖީ މޮޅުވެއްޖެ އެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީ އަމިއްލަ ދަނޑުގައި މޮޅުވީ ރެޑް ސްޓާ ބެލްގްރޭޑްއާ ބައްދަލުކޮށް 3-1 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބެލްގްރޭޑުން ކަމަށްވާއިރު މި ގޯލު ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅު ކާމިޔާބުކޮށްދިނީ ބުކާރީ އެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޖޫލިއަން އަލްވަރޭޒް ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަލްވަރޭޒް އެވެ. އަދި ސިޓީގެ ތިންވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ.

ބާސެލޯނާ މޮޅުވީ ބެލްޖިއަމްގެ ރޯޔަލް އަންޓްވާޕްއާ ބައްދަލުކޮށް ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޖައޯ ފެލިކްސް އެވެ. ބާސާގެ އެއް ގޯލަކީ އަންޓްވާޕް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު އެޓީމުގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އާއި ގަވީ އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޕީއެސްޖީ ރޭ މޮޅުވީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ބައްދަލުކޮށް 2-0 އިންނެވެ.

ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕީއެސްޖީގެ ވިޓީނިއާ އަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލީޑު ނަގައިދީފަ އެވެ. މި ޕެނަލްޓީ ޕީއެސްޖީ އަށް ލިބުނީ ޑޯޓްމަންޑްގެ ސޫލާގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

މި ގޯލަށްފަހު ވެސް ޕީއެސްޖީން ދިޔައީ ޑޯޓްމަންޑުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަޝްރަފް ހަކީމީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފަ އެވެ. ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ޕީއެސްޖީ އަށް މެޗުގެ ފަހު 20 މިނެޓްގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.