ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާނީ ކަމަށް ގާބިލު ތައުލީމީ ބޭފުޅުން ކަމަށާއި ވަކި ބަޔަކަށް މަގާމުތަކެއް ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނަގެ ކެމްޕޭންގެ ތެރެއިން "އާސްކް މުއިއްޒު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މާލޭގެ މިހާރުގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ ކެބިނެޓް އެކުލަވައިލާ އިރު، ކޮންމެ ދާއިރާއަކަށް ވެސް ވަޒީރަކު އައްޔަން ކުރައްވާ އިރު، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމީ ބޭފުޅުން އައްޔަން ކުރައްވަން ކަމަށެވެ.
މުއިއްޒުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ދޭނީ ސަލަފަޖު ޖަމިއްޔާ އަށް ނިސްބަތްވާ ބޭފުޅުންނަށް ކަމަށް ބުނެ ވާހަކަ ދެކެވޭތީ އޭގެ ރައްދުގައި ވިދާޅުވީ ވަކި ބަޔަކަށް މިނިސްޓްރީތަކެއް ހަވާލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ބޭނުން ރައްޔިތުންނަށް ހަގީގީ މާނާގައި ކުރިއެރުން ގެނެސްދޭން. ހަގީގީ މާނާގައި ކަންކަން ރަނގަޅުވެގެން ދާން. މީނިންފުލް ޗޭންޖަސް އަންނަން. މީނިންފުލް ޑިވެލޮޕްމެންޓު އަންނަން. އެކަންކަމެއް ނުކުރެވޭނެ ހަމަ މީ ވަކި މީހަކު ބުނާ މީހަކު ލައިގެން،" މުއިއްޒު ވިދާޅުވި އެވެ. "ވަކި ޕާޓީއަކުން ބުނީމަ ލައިގެން ނޫން ނަމަ ވަކި މީހެއްގެ ރެކޮމެންޑޭޝަނެއް އައިސްގެނެއް އެކަމެއް ނުކުރެވޭނެ."
އޭނަ ވިދާޅުވި ގޮތުގައި ކެބިނެޓް އެކުލަވައިލާނީ ތައުލީމާއި ތަޖުތިބާ ހުންނެވި ބޭފުޅުންނާ އެކީގައި ކަމަށާއި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޭނުން ވަނީ ނަތީޖާ ނެރެވޭ ކަހަލަ ވަރުގަދަ ޓީމެއް ކަމަށެވެ.
މުއިއްޒަކީ މި މަހުގެ 9 ގައި 8 ކެންޑިޑޭޓުންނާ އެކީ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓެވެ. މި މަހުގެ 30 އޮންނަ ދެވަނަ ބުރުގައި އޭނައާ ވާދަކުރައްވަނީ ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ދެ ބޭފުޅުން ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.