Last Updated: May 11, 20:40
Sunday, May 11, 2025
މުނިފޫހިފިލުވުން

އަރިއަންގެ "ސްޓާޑަމް" ނިމުމާ ގާތަށް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރާ ވެބް ސީރީޒް "ސްޓާޑަމް" ގެ ޝޫޓިން ނިމުމަކާ ގާތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިއުސް 18 އިން ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގެ ވާހަކަތަކެއް ކިޔައިދޭނެ ހަ އެޕިސޯޑްގެ މި ސީރީޒްގެ ފަހު ޝޫޓިން ޝެޑިއުލް ވަރަށް އަވަހަށް މުމްބާއީގެ ނަރިމަން ޕޮއިންޓްގައި ކުރިއަށް ގެންދާނެ އެވެ. އެގޮތުން ކުލަގަދަ އެވޯޑް ހަފުލާއެއް ދައްކުވައިދޭ މަންޒަރުތަކެއް ނަގާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"ސްޓާޑަމް" ގެ ޝޫޓިން ފެށީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މިއަށް ތައްޔާރުވިކަން އަރިއަން، 25، އިންސްޓަގްރާމްގައި ހިއްސާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުހެ ކުރީކޮޅު އެވެ. ނަމަވެސް މިހާތަނަށް މި ސީރީޒާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސްޓާޑަމް" ގެ ސްކްރީންޕްލޭގެ މަސައްކަތުގައި އޭނަ އަށް ލިޔުންތެރިޔާ ބިލާލު ސިއްދީގީ އެހީތެރިވެ ދީފައިވެ އެވެ. އޭނަ އަކީ އަރިއަންގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަޓުން 2019 ގައި އިމްރާން ހާޝިމީއާ އެކީ ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ބާޑް އޮފް ބްލަޑް" ގެ ލިޔުންތެރިޔާ އެވެ. އެ ސީރީޒަކީ އެ ނަމުގައި ބިލާލު ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހެދި އެއްޗެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސްޓާޑަމް" ގެ އެންމެ މުހިއްމު ތަރިއަކީ މި ހަފުތާގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޓޮރޮންޓޯ ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރީމިއާކުރި ފިލްމު "ކިލް" އިން ތައާރަފުކުރާ އެކްޓަރު ލަކްޝް ލަލްވާނީއާ އެވެ އަރިއަންގެ ސީރީޒްގެ ހާއްސަ ފެނިލުންތަކުގައި ބައްޕަ ޝާހްރުކް، ރަންވީރު ސިންގް، ރަންބީރް ކަޕޫރް، ބޮބީ ޑިއޯލް އަދި ކަރަން ހިމެނޭ ކަމަށްވެ އެވެ.

ރެޑް ޗިލީސްގެ ތައްގަނޑުގައި ހަދާ "ސްޓާޑަމް" ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި ގެނެސްދޭނެ ޕްލެޓް ފޯމެއް އަދި ސާފެއް ނުވެ އެވެ.