އެޓޯލްސް މިނިސްޓްރީއެއް އުފައްދަން އުޅުއްވާ ވާހަކަ ނުދައްކަވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނަގެ ވެރިކަމެއްގައި ކައުންސިލްތަކަށް މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް މި ހަފުތާގައި ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، މީގެ އަހަރުކެއް ކުރިން ރާއްޖޭގައި ވެރިކަން ކުރި އުސޫލު އިޔާދަކޮށް، ލާމަރުކަޒީ ނިޒާމު ހަލާކުކުރަން އަމާޒު ހިފާފައިވާ ކަމަށް ދަނީ ބުނަމުންނެވެ.
އެގޮތުން ކައުންސިލްތަކަށް މިނިސްޓްރީއެއް އުފެއްދުމުގެ މާނަ އަކީ ކުރީގެ ގޮތަށް އަތޮޅުތަކުގެ ހިންގުމަށް ހާއްސަކޮށްގެން ހިންގި އެޓޯލް މިނިސްޓްރީ އަލުން އިޔާދަކުރުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ކައުންސިލްތަކަށް މިނިސްޓްރީއެއް އުފައްދާނެ ކަމަށް މުއިއްޒު ވިދާޅުވި އިރު، ރާއްޖޭގައި 2010 އިން ފެށިގެން އަމަލުކުރަމުން އަންނަ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ލޯކަލް ގަވަރަމަންޓް އޮތޯރިޓީ އެލްޖީއޭ) އެވެ. އަދި އެތަނުގެ ރައީސަކަށް ހުންނަވަނީ ހޯމް މިނިސްޓަރެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރައްވާ މުއިއްޒުގެ ސަރުކާރެއްގައި އެޓޯލް މިނިސްޓްރީ އުފައްދާނެ ކަމަށް ބުނާތީ އޭގެ ރައްދުގައި ރޭ އޭނަ ވިދާޅުވީ އެއްގޮތަކަށް ވެސް އެޓޯލްސް މިނިސްޓްރީ އުފައްދަން ނޫޅުއްވާ ކަމަށެވެ.
"އާސްކް މުއިއްޒު" ޕްރޮގްރާމްގައި މާލޭގެ މިހާރުގެ މޭޔަރު އަދި ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ އޭނަ ގެންގުޅުއްވާ ވިސްނުމަކީ އެލްޖީއޭގެ ހިންގުން ހަރުދަނާކޮށް، ކައުންސިލްތައް މިހާރަށް ވުރެ ބާރުވެރިކުރުވުމުގެ ގޮތުން އެލްޖީގެ ގެ ކަންކަން ބަލަހައްޓާގެ ފުލް ޓައިމް މިނިސްޓްރީްއެއް އުފެއްދުން ކަމަށެވެ.
"މިހާރު މިވާ ގޮތަކީ އެލްޖީއޭ އަށް ދޭންވާ ސަޕޯޓް ސަރުކާރަށް ނުދެވެނީ. އެލްޖީއޭ އަކީ ގާނޫނީ ގޮތުން އޮންނަ މުއައްސަސާ މި ލާމަރުކަޒީ ނިޒާމް ބަލަހައްޓައި ދޭން. އެ މުއައްސަސާ ހިންގަވަން ގާނޫނީ ގޮތުން ހުންނަވަނީ ވަޒީރެއް. މިހާރު އޮންނަ ގޮތުން ވިއްޔާ ހޯމް މިނިސްޓަރު،" މުއިއްޒު ވިދާޅުވި އެވެ. "ވަރަށް ކުޑަ ވަގުތު ކޮޅެއްގައި ދެވޭ ހިދުމަތަކަށް ވުރެ ބޮޑަށް އެކަމަށް ފުލްޓައިމް ހުންނަ ވަޒީރަކު، ފުލްޓައިމް މިނިސްޓަރަކު އެލްޖީއޭގެ މަގާމަށް ހުންނަން ބޭނުން ވަނީ. އަޅުގަނޑު ބޭނުންވަނީ ފުލީ ފްލެޖް މިނިސްޓަރެއް ހުންނަން. އެއްގޮތަކަށް ވެސް އެޓޯލްސް މިނިސްޓަރެއް އުފައްދަވާކަށް ނޫން، އެކަމަކާ މިކަމަކާ ގާތް ވެސް ނުވާނެ."
މުޢިއްޒު ވިދާޅުވީ ވިސްނުމަކީ ލާމަރުމަޒީ ނިޒާމު އެންމެ އެކީގެންވާ ގޮތުގައި މިހާރު ނުހިނގާތީ އެ ނިޒާމު ހަރުދަނާ ކުރަން މުހިއްމު ފިޔަވަޅުތަކެއް އެޅުން ކަމަށެވެ.
ކުރިން އެޓޯލްސް މިނިސްޓްރީ ހިންގި އިރު، އަތޮޅުތަކާއި ރަށްތައް ހިންގަމުން އައި ސަރުކާރުން އައްޔަންކުރާ އަތޮޅުވެރިންނާއި ކަތީބުންނާ އެކީގަ އެވެ. ނަމަވެސް މިހާރު އަތޮޅުތަކާއި ރަށްތަކަށް ހިންގަމުން އަންނަނީ ރައްޔިތުންގެ ހިއްސާއާ އެކީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވޭ ބަޔަކާ އެކީގަ އެވެ.