ބޮލީވުޑްގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބް ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާރު އުފައްދަމުން އަންނަ ފިލްމުތަކާ އެއްގޮތަކަށް ވެސް ގަޔާނުވާ ކަމަށާއި ފިލްމްތަކުގެ ނަންތަކާ ދޭތެރޭ ވެސް ހިތްހަމަނުޖެހޭ ކަމަށް އެ ކުންފުނީގެ ވެރިޔާ އަދި ލޯބީގެ ފިލްމްތައް އުފެއްދުމަށް މަޝްހޫރު މަރުހޫމް "ކިންގް އޮފް ރޮމާންސް" ޔާޝް ޗޯޕްޅާގެ އަންހެނުން ޕަމޭލާ ޗޯޕްޅާ ބުނެފި އެވެ.
ދާދި ފަހުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ވައިއާރްއެފް ކުރީގެ ފިލްމުތަކުގައި ހުންނަ ފަދަ އަސަރުތަކާއި ހިތްގައިމުކަން މިހާރު އެއްގޮތަކަށް ވެސް ނުހުންނަ ކަމަށެވެ.
އަދި ފިލްމްތަކަށް ނަން ދީފައި ހުންނަ ގޮތުން މިހާރު އުފައްދާ ފިލްމްތަކަކީ ވައިއާރްއެފްގެ ފިލްމުތަކެއްކަން ވެސް ނޭނގޭ ކަމަށް ޕަމޭލާ ބުންޏެވެ. އޭނާ އަދި ބުނީ ކުރީގެ ރަހަތައް ފިލްމުތަކުން އުނިވެފައިވާ ކަމަށެވެ.
އެގޮތުން ދީޕިކާ ޕަދްކޯން އާއި ނީލް ނިތިން މުކޭޝް ލީޑް ރޯލް ކުޅުނު "ލަފަންގޭ ޕަރިންދޭ" އާއި އަނުޝްކާ ޝަރްމާ އާއި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅުނު "ބަދްމާޝް ކޮމްޕެނީ" އަދި ދާދި ފަހުން ރިލީޒް ކުރި ރަންވީރު ސިންގާއި ޕަރިނީތީ ޗޯޕްޅާގެ "ކިލް ދިލް" ފަދަ ފިލްމުތަކުގެ ނަންތައް ޕަމޭލާ ފާހަގަ ކުރި އެވެ.
"ކުރީގެ ފިލްމުތަކުގައި ހުންނަ ކަހަލަ ހިތްގައިމު ކަމެއް މިހާރު ވައިއާރްއެފުން ހަދާ ފިލްމުތަކުގެ ނުހުރޭ. އަހަންނަށް މިހާރު އެއްގޮތަކަށް ވެސް ކަމަކު ނުދޭ މިހާރު ނެރޭ ފިލްމްތައް،" ފިރިމީހާ ޔާޝްގެ ބައެއް ފިލްމުތަކަށް އަސަރު ގަދަ ލަވަތަކެއް ވެސް ކިޔައި ދީފައިވާ ޕަމޭލާ ބުންޏެވެ. "އަނެއްކާ ފިލްމުތަކަށް ނަން ދީފައި ހުންނަ ގޮތުން އެ ފިލްމުތަކަކީ އެއްްގޮތަކަށް ވެސް ވައިއާރްެއެފްގެ ފިލްމެއްކަން މިހާރު އިހުސާސެއް ވެސް ނުކުރޭ."
ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އާއި އެކްޓަރު އުދޭ ޗޯޕްޅާގެ މަންމަ އިތުރަށް ބުނީ ވައިއާއެރްގެ ފަހުގެ ތާރީހުގެ ފިލްމުތަކަށް ބަލާ އިރު، އޭނާ އަށް އެންމެ ކަމުދާ ފިލްމަކީ ދަރިފުޅު އަދީގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ކަމަށެވެ.
ޝާހްރުކް ހާނާއި ކާޖޮލް ލީޑް ރޯލް ކުޅުނު އެ ފިލްމު ރިލީޒް ކުރީ 1995 ގަ އެވެ.
"އެ ފިލްމުގެ ފުރަތަމަ ޕްރިންޓް ބަލާފައި ވެސް އަހަރެން ޔާޝް ކައިރީ ބުނިން އަދީ ވާނެ ޔާޝް އަށް ވުރެ މޮޅު ޑައިރެކްޓަރަކަށް. އަދި އެ ފިލްމަކީ ބެލުންތެރިންގެ ހިތްތައް ފަހަތަކޮށްލާނެ ފިލްމެއް ކަމުގެ ޔަގީންކަން އޮތް. ކަން ވީ ވެސް އެހެން. މިއަދު 20 އަހަރު ފަހުން ވެސް އެ ފިލްމަށް ލިބޭ ތަރުހީބަކީ ކުޑަ ކަމެއް ނޫން،" ޕަމޭލާ ބުންޏެވެ. "މިހާރު ވެސް އެ ފިލްމް ބަލާލީމާ ވަރަށް ތާޒާ. ވަރަށް ހިތްގައިމު، ހިތަށް އުފާވެރިކަން ގެނުވައިދޭ."
ޔާޝް ޗޯޕްޅާ 2012 ވަނަ އަހަރު މަރުވި ފަހުން ވައިއާރްއެފްގެ ހުރިހާ ކަމެއް މިހާރު ބަލަހައްޓަނީ ބަތަލާ ރާނީ މުކަރުޖީ އާ ކައިވެނިކޮށްގެން އުޅޭ އަދީ އެވެ.
އެ ޕްރޮޑަކްޝަން ހައުސްގެ ފާހަގަކޮށްލެވޭ ޔާޝްގެ ބައެއް ފިލްމުތަކުގެ ތެރޭގައި "ދާގް"، "ދީވާރު"، "ސިލްސިލާ"، "ޗާންދްނީ"، "ލަމްހޭ"، "ދިލް ތޯ ޕާގަލް ހޭ"، "ވީރް ޒާރާ" ފަދަ ފިލްމުތައް ހިމެނެ އެވެ. ޔާޝްގެ އެންމެ ފަހުގެ ފިލްމަކީ 2012 ގައި ރިލީޒް ކުރި "ޖަބް ތަކް ހެ ޖާން" އެވެ.
އަދީ ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ"، "މުހައްބަތޭން" އަދި "ރަބް ނެ ބަނާދީ ޖޯޅީ" އެވެ.
ވައިއާރްއެފަކީ މިހާރު ވަރަށް ގިނަ ޒުވާން ޑައިރެކްޓަރުންނަށް ފުރުސަތު ދީގެން ތަފާތު ވައްތަރުތަކުގެ ފިލްމްތައް ހަދަމުން އަންނަ ކުންފުންޏެކެވެ.