Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

ގަރާރަކުން ފެންނަ ނުފެންނަ ވޯޓަކާ މެދު ސުވާލު އުފައްދައިފި

މެންބަރު އަހުމަދު އުޝާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދަވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރާ ގުޅޭގޮތުން މުޅިމަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ގަރާރެއް ފާސްކުރުމުން އޭގެ ބޭރުން ދެން އިތުރު އެއްވެސް ކަމެއް ކުރަން ނުޖެހޭ ކަމަށެވެ. އެހެން ކަމުން ގަރާރެއް ފާސްކޮށްގެން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކަމެއް ލާޒިމުކުރެވިދާނެތޯ ސުވާލު އުފެދޭކަމަށް އުޝާމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އުޝާމް ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ކުރިއަށްގެންދާ ޕްރޮސެސްއާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮތްނަމަވެސް، އެ ކަން ކުރިއަށް ގެންދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ނެތްކަންވެސް ފާހަގަ ކުރެއްވިއެވެ.

އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ، 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް 15 އަހަރު ވެފައިވާއިރު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލިކަމުގައި ވީނަމަވެސް، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު އެމީހަަކަށް ލިބިގެންކަމަށްވާއިރު، މިހާތަނަށް ރިޔާސީ އިންތިހާބަކަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ.

އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް އެ މައްސަލަ ހުށަހެޅުމަށެވެ.