Last Updated: September 19, 21:36
Thursday, September 19, 2024
ޚަބަރު

އަދީބުގެ ފަރުވާގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

އަދީބު ކޯޓުން ނުކުމެވަޑައިގަންނަވަނީ: - އަހުމަދު ޝުރާއު | އަވަސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ހުއްދަ ދިނުމުން ފުރާވަޑައިގެންފައިވަނީ ޖުލައި 11 ވަނަ ދުވަހުއެވެ.

އޭގެފަހުން އަދީބުގެ ބޭސްފަރުވާގެ މުއްދަތު 2 ފަހަރަށް އިތުރުކޮށްފައިވާއިރު އެންމެ ފަހުން ދީފައިވާ މުއްދަތު ހަމަވެފައިވަނީ މިމަހު 15 ވަނަ ދުވަހަށެވެ. އެހެންކަމުން އަދީބުގެ ފަރާތުން ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ހުށަހަޅުއްވާފައެވެ.

ކަރެކްޝަނަލް ސާވިސްއިން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މުއްދަތު އަންނަ މަހުގެ 1ގެ ނިޔަލަށް އިތުރު ކޮށްދީފައިވާކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަމާ ގުޅިގެން އޭނާ ނިސްބަތްވާ އެމްޓީޑީން މީގެކުރިން ބުނެފައިވަނީ އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ފުރާނައަށް ނުރައްކާވާ ޒާތުގެ، ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އަދީބު ހުންނަވަނީ ގޭ ބަނދުގައެވެ. އަދި އޭނާ ވަނީ ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމާއެކު އޭނާ މައްޗަށް އައިސްފައިވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި 2 މިލިއަން ރުފިޔާގެ ޖޫރިމައިނާއެކެވެ.