Last Updated: September 19, 21:36
Thursday, September 19, 2024
ޚަބަރު

ނިޒާމީ ވޯޓު އޮކްޓޯބަރު 30 ގައި ނަގަން އެމްޑީޕީން ތާއީދު

މެންބަރު އަލީ ނިޔާޒް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޮކްޓޯބަރު 30 ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގަން އެމްޑީޕީން ތާއީދު ކުރާކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރާ ގުޅޭގޮތުން މުޅިމަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 30 އޮކްޓޯބަރުގައި ނަގަން އެމްޑީޕީން ތާއީދުކުރާ ކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވި 2008 ވަނަ އަހަރުން ފެށިގެން ބާއްވާ ކޮންމެ ރިޔާސީ އިންތިހާބެއްގައި ރައްޔިތުން ވޯޓުލާފައިވަނީ ކޯލިޝަން ސަރުކާރަކަށް ކަމަށާއި، އެކަން އެގޮތަށް މެދުވެރިވަނީ ވެރިކަމުގެ ނިޒާމުގެ ސަބަބުންތޯ ސާފުކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން ކައިރީގައި އެހުމަށް އެމްޑީޕީން އިއުތިރާޒް ނުކުރާކަމަށާއި އެކަމަށް ތާއީދު ކަމަށް ވިދާޅުވިއެވެ.

އަލީ ނިޔާޒް ވިދާޅުވީ އިންތިހާބުތައް ބާއްވަނީ ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުންވެސް ނޫންކަމަށާއި އެކަން ކުރުމަށް ޤާނޫނުތަކުން މުއައްސަސާއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ދައްކާ ވާހަކައަށް ބަލާއިރު އޮކްޓީބަރު 30 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އިލްޔާސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ 30 އޮކްޓޫބަރު 2023ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް އެ މައްސަލަ ހުށަހެޅުމަށެވެ. އެހެންނަމަވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީން އެދެމުން އަންނަނީ މިމަހުގެ 28 ވަނަ ދުވަހު އެ ވޯޓު ނެގުމަށެވެ.