Last Updated: May 9, 15:12
Friday, May 9, 2025
ޚަބަރު

ކެމްޕެއިނަށް ދައުލަތުގެ ވަސީލަތް ބޭނުން ކުރޭތޯ ތަހުގީގުކުރޭ

އެޗްއާރްސީއެމް - ފޮޓޯ: ރާއްޖެއެމްވީ

ރިޔާސީ އިންތިހާބަށް ނަހަމަ ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރޭތޯ ބެލުމަށް ކަމާގުޅުން ހުރި އިދާރާތަކުން ތަހުޤީގު ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކުން ކެމްޕެއިގައި މިހާތަނަށް ފަހާގަކުރަމުން އައި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. އެގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ބައެއް ފަރާތްތަކުން ވޯޓު ގަތުމާއި، ވަކި ކެނޑިޑޭޓަކަށް ތާއިދު ކުރުމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަކި ކެނޑިޑޭޓަކަށް ތާއިދު ނުކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުން ފަދަ ތުހުމަތުތައް މީސް މީޑިއާއިން ފެންނަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޝަނުން ބުނީ، މިފަދަ ކަންކަން ހިނގައިދިއުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ޝަކުވާވެސް ފެންނަ ކަމަށް އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

" ހަމަމިއާއެކު، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތައް މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕެއިންގެ ކަންކަމަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތައް އަޑުއިވެމުން ދިއުމަކީ ވެސް ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމުން، މިކަންކަން ކަމާގުޅުންހުރި މުއައްސަސާތަކުން ތަހުޤީޤު ކޮށްދެއްވުމަށް ގޮވާލަމެވެ. " އެޗްއާރްސީއެމް ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމްއިން ވަނީ މިފަދަ ކަންކަމަކީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ފާހަގަވެފައިވާ ކަންކަން ކަމަށާއި، ނަމަވެސް މިކަމަށް ހައްލު ހޯދުމަކީ މިހާރު ޤާނޫނު އޮތް ގޮތުން ގޮންޖެހުން ހުރި ކަމެއް ކަން އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

އެ މުޢައްސަސާއިން ވަނީ މި ބަދަލުތައް ގެނެސްދިނުމަށް މީގެ ކުރިންވެސް ވަކާލާތު ކޮށްފައިވާ ކަމަށާއި، ކަމައި ބެހޭ މުޢައްސަސާތަކުން މިބަދަލުތައް ގެނެސްދިނުމަށް އެންމެހައި މަސައްކަތް ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.