Last Updated: May 9, 14:09
Friday, May 9, 2025
ޚަބަރު

ޑްރަގްސްއާ އެކީ 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަންގައި ހޯދާފައިވާ މަސްތުވާތަކެތި / ފޮޓޯ: ޕޮލިސް

މަސްތުވާ ތަކެތީގެ ވަކި ދެ މައްސަލައެއްގައި މާލެ ސަރަހައްދުން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީގެ ތެރެއިން ފުރަތަމަ މައްސަލާގައި ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ 31އ. ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ، އެއްޗެއް ހުރި 291 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. އީއްޔެ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އޭނާގެ ގެ ބަލައި ފާސްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

މިމައްސަލާގައި ހައްޔަރު ކުރި މިހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ. އަދި މިމައްސަލަ ވިލިމާލެ ޕޮލިހުން ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ވިލިމާލެއިން ފުލުހުން ހޯދި މަސްތުވާ ތަކެތި / ފޮޓޯ: ފުލުހުން

މީގެ އިތުރުން ރޭ ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެގޮތުން މި އޮޕަރޭޝަނުގެ ތެރެއިން 27އ. ފިރިހެނަކާއި 30އ. ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. މި ދެމީހުންނަކީވެސް ދިވެހިންނެނެވެ.

މިމައްސަލާގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން އެ ދެ ގެ ބަލައި ފާސް ކުރިއިރު، އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 78 ސެލޯފިންކޮޅު، 10 ރަބަރު ޕެކެޓު، ފިލްމު ހުސްކުރި 8 ދަޅު، 3 ފުޅި، ޖޫސްޕެޓީ ދެކޮތަޅު އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ތިން ދުވަސް ދީފައިވާއިރު 30 އަހަރުގެ މީހާއަށް އެއް ދުވަސް ދީފައިވެއެވެ.

މިމައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.