ޕީޕީއެމް-ޕީއެންސީން ތާއީދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރުގައި ތާއީދު ހޯދުމަށް މިއަދު ނ. ޅޮއްސަށް ވަޑައިގެން ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިދިކޮޅު ދެ ޕާޓީގެ ސިޔާސަތަކީ ކޮންމެ ކަމެއްގައި ވެސް ދިވެހި ގައުމާއި ދިވެހި ރައްޔިތުން އިސްކުރުން ކަމަށެވެ.
"އެހެންވީމަ، ރައްޔިތުންގެ ނިންމުމަކީ، މި ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެކޭ. އެ ނިޒާމަށް އަޅުގަނޑުމެން ތާއީދު ކުރަނީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ނިޒާމީ ވޯޓުގެ ވާހަކަ ދެއްކުން މިވަގުތު މުހިއްމު ނޫން ކަމަށާއި މީގެ 16 އަހަރު ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ގޮތް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭނުން ވަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިހެން ވިދާޅުވި އިރު އަންނަ މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ އެމްޑީޕީ މެމްބަރުންގެ ތާއީދާއެކު އެވެ.
މަޖިލީހުން އެ ގަރާރު ފާސްކުރުމުން އެ ވޯޓް ނަގައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާނީ ސީދާ މަޖިލީހުންނެވެ.