މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަދި ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދު ޖުމުހޫރީ ޕާޓީ ދޫކޮށްލައިފިއެވެ.
އަލީ ވަހީދު ޖޭޕީން ވަކިވެޑައިގެންކަން ހާމަކުރައްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަރިހުގައި މަސައްކަތް ކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ އަގުހުރި ތަޖުރިބާއެއް ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށާއި ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީ ޖުމުހޫރީ ޕާޓީގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ތެރޭގައި، ޕާޓީގެ ރައީސްގެ މަޤާމު ވަނީ އަދާ ކުރައްވާފައެވެ. އަދި އޭގެ ފަހުން ޕާޓީ ލީޑަރު ޤާސިމް އިބްރާހިމް ހާއްސަ އެޑްވައިޒަރުގެ މަޤާމު އަދާ ކުރެއްވިއިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެނޑިޑޭޓް އަދި ލީޑަރު ޤާސިމް އިބްރާހިމް އިންތިހާބީ އޭޖެންޓުގެ މަޤާމު ވަނީ އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް @qasimibrahim އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެކެވެ. މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ 🇲🇻 pic.twitter.com/gJID3DWOPu
— Ali Waheed (@ali20waheed) September 20, 2023
އަލީ ވަހީ ޖޭޕީ އާއި ގުޅިވައިޑައިގަތީ، 2018 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. އަދި އޭރު ވެރިކަމަށް އައި ޖޭޕީ ހިމެނޭ އެމްޑީޕީ ކޯލިޝަންގެ ތެރެއިން ޕާޓީ ސްލޮޓުގައި މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަޤާމުވެސް ވަނީ އަދާ ކުރައްވާފައެވެ. އަލީ ވަހީދު އެ މަޤާމުން ވަކިވީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުގައެވެ. އޭގެ ފަހުން އިންގިރޭސި ވިލާތައް ވަޑައިގެން އުޅުއްވުމަށް ފަހު މާލެ ވަޑައިގެންނެވީ ޖިންސީ ފުރައްސާރައިގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމުމާއި އެކުގައެވެ.
އަލީ ވަހީ ޖޭޕީން ވަކިވިއިރު، އޭނާ ވެރިކަން ކުރާ އެމްޑީޕީ އާއި ގުޅޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ވެސް ބައްދަލު ކުރައްވާފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.