Last Updated: May 9, 15:33
Friday, May 9, 2025
ޚަބަރު

އިންޖީނު އެމްއައިބީން ނެގުމުން ޑިސްކައުންޓެއް

އެމްޓީސީސީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް ދެމެދު އެއްބަސްވުމުގައި ސޮއިކުރުން / ފޮޯޓ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވިއްކާ އީންޖީނު އިސްލާމިކް ބޭންކް މެދުވެރިކޮށް ނަގައިގެން ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި މިއަދު އިސްލާމިކް ބޭންކާއި އެމްޓީސީސީ ވަނީ ސޮއިކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އެމްއައިބީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގް ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.


މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، މިއަދުން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑުގެ އިންޖީނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް ދިގުމުއްދަތަކަށް ބަހާލައިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފައިސާ ދެއްކޭނެއެވެ. އަދި ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 ހޯސްޕަވަރުން ފެށިގެން 325 ހޯސްޕަވަރާއި ހަމައަށް) 8 އިންސައްތަ ޑިސްކައުންޓް އަދި ޔަންމާ އިންޖީނުން (35 ހޯސްޕަވަރުން 1400 ހޯސްޕަވަރާއި ހަމައަށް) 5 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްރޮމޯޝަނާއި ގުޅޭގޮތުން ކަސްޓަމަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް، އެމްޓީސީސީ އަދި އެމްއައިބީ ތަފާތު ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މީޑިއާ ކެމްޕެއިންތަކާއި، އޮޑިވެރިންނާއި އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވޯޓަރ ސްޕޯޓްސް ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންޖީނަށް ފައިސާ ދައްކަން ލުއިފަސޭހަ ގޮތްތަކެއް ހަދައިދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.