Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

ރިޔާޒުގެ ތާއީދު ރައީސް ސޯލިހަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމި ނަމަވެސް ޖޭޕީގެ އާންމު މެމްބަރުންނަށް ބޭނުން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީގެ ބައެއް އިސް ބޭފުޅުން އަދި ކައުންސިލް މެމްބަރުން އަންނަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ސޯޝަލް މީޑިއާގައި ހާމަކުރައްވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޖޭޕީން ވަކިވެވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.