ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއްގެ ވާހަކަ ދައްކަންވީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށްފަހު ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓެއްގެ ވާހަކަ ދައްކަން ފަށަން ވާނީ ޔާމީން މިނިވަންކޮށް، ގެއަށް ބަދަލުކޮށްފައި ކަމަށެވެ.
Nizaamee vote ge vaahaka dhakkan fashan vaanee Raees Yameen minivankoh, geah badhalu koffai. https://t.co/VMB64D71mV
— Adam Shareef Umar (@Adamshareefz) September 20, 2023
އާދަމް ޝަރީފް މިހެން ވިދާޅުވި އިރު ޔާމީންއާ ބައްދަލުކުރެވިއްޖެ ނަމަ، އެ މަނިކުފާނު މިނިވަންކުރުމަށް ދެން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް ނިޒާމީ ވޯޓު ނެގުމަށް އެންމެ ބޮޑަށް ބާރު އަޅަމުންދާ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. ޖަލަށް ވަޑައިގެން ޔާމީންއާ ބައްދަލުކުރަން ނަޝީދު މީގެކުރިން މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނާއި ބައްދަލުކުރައްވަން ޔާމީން ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ޕީޕީއެމް-ޕީއެންސީން ނިޒާމީ ވޯޓު ނެގުމާ ދެކޮޅަށް ވާހަކަދައްކާއިރު އަންނަ މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ އެމްޑީޕީ މެމްބަރުންގެ ތާއީދާއެކު އެވެ. މި ގަރާރަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ވޯޓު ދީފައެއް ނުވެ އެވެ.
މަޖިލީހުން އެ ގަރާރު ފާސްކުރުމުން އެ ވޯޓް ނަގައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާނީ ސީދާ މަޖިލީހުންނެވެ.