ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ ބަޔާން މިއުނިކުން 4-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމު ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް ލީޑު ނަގައިދޭން އެޓީމުގެ ކްރިސްޓިއަން އެރިކްސަން އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ބަޔާންގެ ގޯލްކީޕަރު އުލްރައިޗް އެވެ. ޔުނައިޓެޑުން މެޗު ރަނގަޅަށް ފެށި ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ލީރޯއި ސާނޭ ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. މި ގޯލަކީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާގެ އަތުން ހެދުނު ގޯހެއްގެ ސަބަބުން ވަތް ގޯލެކެވެ.
އޭގެ ހަތަރު މިނެޓް ފަހުން ޖަމާލް މުސިއާލާ ދިން ޕާހަކުން ސާޖް ގްނެބްރީ ބަޔާންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ޔުނައިޓެޑުން ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ރަސްމުލް ހޮއިލުންޑް އެވެ. ނަމަވެސް މެޗުގެ 53 ވަނަ މިނެޓްގައި ބަޔާނަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އެޓީމުގެ ލީޑު އަލުން ފުޅާކޮށްދީފަ އެވެ. މިއީ ބަޔާންގެ ޕެނަލްޓީއޭރިއާ ތެރެއިން ޔުނައިޓެޑްގެ އެރިކްސަންގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މެޗުގެ 88 ވަނަ މިނެޓްގައި ކަސެމީރޯ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓް ފަހުން މަތީސް ޓެލް ވަނީ ބަޔާންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ ފަހު ސިކުންތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ވެސް ކަސެމީރޯ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ޕީއެސްވީ އަތުން 4-0 އިން މޮޅުވެފަ އެވެ. ރެއާލް މެޑްރިޑުން އުނދަގޫތަކަކަށްފަހު ޔޫނިއަން ބާލިން އަތުން 1-0 އިން މޮޅުވިއިރު އިންޓަ މިލާނާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ނަޕޯލީން 2-1 އިން ބްރާގާ ބަލިކުރިއިރު ސެވިއްޔާ އާއި ލެންސް ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.