Last Updated: May 9, 15:12
Friday, May 9, 2025
ދުނިޔެ

ރުވާންޑާގެ ރައީސް 4 ވަނަ ދައުރަކަށް

ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ ވެރިކަމުގެ ހަތަރު ވަނަ ދައުރަކަށް ވެސް ވާދަކުރައްވަން ނިންމަވައިފި އެވެ.

ދެހާސް ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވި ކަގާމޭ، 65، ވިދާޅުވި އަންނަ އަހަރުގެ އިންހާބުގައި އޭނަ ވާދަކުރައްވަން ނިންމެވީ ރައްޔިތުން ވެސް އެކަމަށް ބޭނުންވާތީ ކަމަށާއި ބޭނުން ވަނީ ރައްޔިތުން ބޭނުންވާހާ ދުވަހަކަށް ވެރިކަމުގައި ހުންނަވަން ކަމަށެވެ.

ނަމަވެސް ކަގާމޭ ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވުމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލަތުކުރާ ގްރޫޕްތަކުން ފާޑު ކިޔާފައިވެ އެވެ. އެފަދަ ޖަމާއަތްތަކުން ބުނެފައި ކަގާމޭ އުޅުއްވަނީ އިދިކޮޅުގެ އަޑު އެއްކޮށް ކަނޑުވައިލަން ކަމަށެވެ.

އޭގެ ރައްދުގައި ކަގާމޭ ވިދާޅުވީ "ކަމާ ނުބެހޭ މީހުން ކިޔާހާ އެއްޗަކަށް އެއްވެސް ފަރުވާލެއް ނެތް" ކަމަށެވެ.

"ރައްޔިތުންގެ އިތުބާރު އަހަންނަށް އޮތުމަށް ވުރެ ބޮޑު އުފަލެއް ނެތް." އޭނަ ވިދާޅުވި އެވެ.

ކަގާމޭ އެންމެ ފަހުން ވާދަކުރެއްވީ 2017 ގެ އިންތިހާބުގަ އެވެ. އެ އިންތިހާބު އޭނަ ކާމިޔާބުކުރެއްވީ 99 ޕަސެންޓް ވޯޓުންނެވެ. ނަމަވެސް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފައި ވަނީ އެ އިންތިހާބު ކަގޭމާ ކާމިޔާބު ކުރެއްވީ ހިޔާލުފާޅުރުމުގެ މިނިވަންކަން ނިގުޅައިގަނެ ނާއިންސާފުން ކަމަށެވެ.

ރުވާންޑާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހަރުގެ އޮގަސްޓްގަ އެވެ.

ގައުމުގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުގެ ގޮތުގައި ހުންނެވި ކަގާމޭ އަކީ ކުރިން ރުވާންގެ ނައިބު ރައީސްކަމާއި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނަ ނައިބު ރައީސްކަން ކުުރެއްބީ 1994-2000 އާ ހަމައަށެވެ.

ކަގާމޭ އަކީ ރުވާންޑާގެ ހަތަރު ވަނަ ރައީސެވެ.