ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު އެއްވެސް ރަށަކަށް ވަޑައިނުގެން މާލޭގައި "ބަނޑަހަޖަހައިގެން" ހުންނަވަނީ ވޯޓުން ވައްކަން ކުރައްވަން ރާވައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގެ ތެރެއިން ރޭ ބ. ކަމަދޫގައި ރޭ ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ ދިވެހި ދައުލަތުގެ ހުރިހާ ފައިސާއެއް ހިއްޕަވައިގެން ރައީސް ސޯލިހު ކުރައްވާ ކަމެއް ނޭނގޭ ކަމަށާއި އިންތިހާބުގެ ފުރަތަމަ ބޭއްވި ތާރީހު ކަމަށްވާ މި މަހުގެ 9 އިން ފެށިގެން އަދިވެސް ރައީސް އެ ހުންނަވަނީ މާލޭގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އެނގުނީ ފަހުން ތިރީސް އަށް ޕަސެންޓް ލިބުނީމާ ދެން ނިންމީ ދެވަނަ ބުރުން ވައްކަން ކުރަންކަން،" ޝިޔާމު ވިދާޅުވި އެވެ. "ވައްކަން ކުރަން ނިންމައިގެން އެ ނުބައިނުލަފާ ރޭވުންތައް ރޭވުމުގައި އަވަދިނެތި މި ހުންނެވީ މާލޭގައި ބަނޑަހަޖަހައިގެން."
އޭނަ ވިދާޅުވި ގޮތުގައި އެކަން އެކަން އެގޮތަށް ކުރައްވަން ކުރައްވަން ޖެހިވަޑައިގަތީ ކެމްޕޭން އެޖެންޓް މާރިޔާ އަހުމަދުދީދީއަށާއި "ފައިސާ ފޮށި" ހިފައިގެން ހުރި ބޭފުޅާ އަށް ވެސް މިހާރު އިތުބާރު ނުކުރެވޭތީ ކަމަށެވެ.
"ހުރިހާ ކަމެއް ކުރައްވަން ހައްދަވައިގެން ރައްޔިތެއްގެ ހާލު އަހާ ނުލެވިގެން [އެ އުޅުއްވަނީ]." ޝިޔާމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވޮ ގޮތުގައި ރައީސް އަރިހުގައި ތިބި އެންމެން މިހާރު ރައީސް ދޫކޮށް ހިނގައްޖެއް ކަމަށާއި ކެމްޕޭންކޮށް ދޭން ރަށްރަށުގައި ތިބި އިސްކޮށް ތިބި މީހުން ވެސް އެކަން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް 175 ރަށަކަށް ކެމްޕޭނަށް ވަޑައިގަތެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށް 101،635 ވޯޓް ލިބިވަޑައިގަތެވެ.
މި ދެ ބޭފުޅުންނާ އެކީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.