Last Updated: November 21, 13:32
Thursday, November 21, 2024
ޚަބަރު

ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފި

އައްޑޫ މީދޫ ކޯގަންނު ޤަބުރުސްތާނަށް ބަޔަކު ގެއްލުންތަކެއް ދީފި އެވެ.

ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުންތަކެއް ދީފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ވަގުތުގަ އެވެ. އެގޮތުން ކޯގަންނު ގަބުރުސްތާނުގައި ހުރި ދެމަހާނައެއްގެ މަހާނަ ގާތަކެއް ވަނީ ތަޅާލާފަ އެވެ.

ކޯގަންނު ޤަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ ތަނެކެވެ. ވޯލްޑް މޮނިއުމަންޓް ފަންޑަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތެކެވެ.

އެ ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު އެންމެ ދުވަސްވީ ގަބުރުސްތާނެވެ. އެ ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ގަބުރުސްތާނު ވެސް މެ އެވެ.

ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. އެތަނުގައި 1،500 އަށް ވުރެ ގިނަ މަހާނަގާ ހުރި އިރު، އޭގެ ތެރޭގައި ހާފިޒުންނާއި ކުރީގެ ދަންނަބޭކަލުންގެ މަހާނަ ގާތައް ވެސް ހިމެނެ އެވެ.

ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު އެ ތަނުގައި ހިރިގަލުން ހަދާފައި ހުރި ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް ހިމެނޭ މިސްކިތެކެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޯގަންނު ގަބުރުސްތާނަށް އެކި ކަހަލަ ގެއްލުންތައް ދީފައިވެ އެވެ.

ކޯގަންނު ގަބުރުސްތާނަށް މި ފަހަރު ގެއްލުން ދީފައި މި ވަނީ އެތަނުގެ ސެކިއުރިޓީ ދެ އަހަރުގެ މުއްދަތަކަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މި ހަފުތާގައި ބީލަމަށް ވެސް ލާފައި ވަނިކޮށެވެ. ބީލަމަށް ހުޅުވައިލި މުއްދަތު ހަމަވާނީ އަންނަ މަހުގެ 4 އަށެވެ.