ރާއްޖޭގައި މިހާރަކަށް އައިސް އިންޑިއާއާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ އެފަދަ މައްސަލަތައް ބަލައިދޭން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެދިއްޖެ އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އެ ގައުމަށް ނިސްބަތްވާ މީހުންނާ ގުޅުވައިގެން ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ބައެއް ފަރާތްތަކުން ދޮގު ޚަބަރުތައް ފަތުރަމުން ދާ ކަމަށެވެ. އެގޮތުން ހައި ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާ އެކު ދިރިއުޅެމުން އަންނަ އިންޑިއާގެ މީހުންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ މަގުސަދުގައި ބައެއް މީޑިއާތަކުން ދޮގު ރިޕޯޓްތައް ފަތުރަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާއާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ފޯރުކުރުމުގެ މަގުސަދުގަ އެވެ. ކަމަށެވެ. އެގޮތުން ރިޕޯޓުތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި އިންޑިއާއާ މެދު ނަފުރަތާއި ބިރުވެރިކަމުގެ މާހައުލެއް އުފައްދަން ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ. ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެހެންވެ ނޫސްވެރިކަމުގެ ތެރެއިން ވެސް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އިންޑއާ ހައި ކޮމިޝަނުން ބުނީ ރާއްޖެ އަކީ "ނެއިބާހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން ހާއްސަ ގުޅުމެއް އިންޑިއާ އިން ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް، ފާޅުގައި އިންޑިއާއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ފަތުރަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. އެގޮތުން "އިންޑިއާ އައުޓް" ގެ ނަމުގައި އިންޑިއާއާ ދެކޮޅަށް ކެމްޕޭން ކުރުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. އެ ކޯލިޝަނުން ސިފަަކުރާ ގޮތުގައި ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމުގެ ތެރޭގަ އެވެ.