ނިޒާމީ ވޯޓެއް ނަގަނީ ކީއްވެގެންކަން ރައްޔިތުންނަށްވަރަށް ސާފުކޮށް އެނގެން ޖެހޭ ކަމަށާއި އެހެންވެ އެއީ ކީއްވެގެން ނަގާ ވޯޓެއްތޯ ސާފުކޮށްދޭން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލިހުން ފާސްކުރީ މިދިޔަ ދުވަހު އެވެ. އެގޮތުން ނިންމީ އަންނަ މަހުގެ 30 ގެ ކުރިން އެވޯޓް ނަގާށެވެ. އަދި އެކަން އީސީ އަށް މަޖިލީހުން އެންގުމާ ގުޅިގެން އެކަމާ ގުޅިގެން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް އީސީން ބުނެފައިވެ އެވެ.
އެތަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އަންނަ މަހުގެ 29 ގައި ނިޒާމީ ވޯޓް ނަގަން އީސީން ތައްޔާރަށް އޮތް ކަމަށެވެ. އެކަމަކު އެ ވޯޓްގައި އަހަންވީ ސުވާލު ސާފުނުވާ ކަމަށް އޭނަ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ދަންނަވާފައިވާނެ މަޖިލީހުގައި ރައްޔިތުންގެ ގާތު އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟ އެ ސުވާލު ކޮބައިތޯ؟ އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުއްވައި ދެއްވާށޭ." ހަބީބު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ ސުވާލާ އެކީ އީސީ އަށް އިތުރު މައުލޫމާތު ވެސް މަޖިލީހުން ސާފުކޮށް ދޭން ޖެހޭ ކަމަށެވެ.
"އެ ސުވާލާ ގުޅިގެން ހުރި ހުއްޖަތްތައް ހުރެދާނެ ވަކި ކޮޅެއްގައި، އޭގައި ހުރި ފައިދާތަކާއި ގެއްލުންތައް. ވޯޓުލާން ދާ އިރު [ރައްޔިތުންނަށް] އެބަ އެނގެން ޖެހޭ ވޯޓުލާން މި ޖެހެނީ ކީއްވެކަން. އެ މައުލޫމާތު އެނގެން އެބަ ޖެހޭ، އަޅުގަނޑުމެން އެބަ ޖެހޭ އެ މައުލޫމާތު އާންމުކުރަން." ހަބީބު ވިދާޅުވި އެވެ.
އީސީން ބުނީ ނިޒާމީ ވޯޓެއް ނަގާ ނަމަ، ވޯޓާސް ރަޖިސްޓްރީއެއް ވެސް އޮންނަން ޖެހޭ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ގޮތްތަކާއި ތައްޔާރުވާން ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެހެންވެ އެ ކަންކަމަށް ކޮމިޝަން ތައްޔާރު ނަމަވެސް އުފެދިފައި އޮތް ގާނޫނީ ސުވާލުތަކަށް ޖަވާބު ލިބިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް ބުންޏެވެ.
ހަބީބު ވިދާޅުވީ ވޯޓަށް ބޭނުންވާ ބަޖެޓް ހޯދުމަށް ވެސް މަޖިލީހުގައި އެދިފައިވާ ކަމަށާއި ކަމަށް ބަޖެޓް ނުލިބިއްޖެ ނަމަ، ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭނަ ފާހަގަކުރެއްވި ގޮތުގައި ނިޒާމީ ވޯޓަކަށް ދާން މަޖިލީހުން އެންގިއިރު، އެފަދަ ވޯޓުތަކުގައި އަމަލުކުރާނެ ގޮތެއް ގާނޫނެއްގައި ލިޔެފައި ނެތުމަކީ ވެސް ވަރަށް ކަންބޮޑުވުމެކެވެ.
ރާއްޖޭގައި އޮތް ރިޔާސީ ނިޒާމި ބަރުލަމާނީ އަށް ފުރޮޅައިލުމަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ވަކާލާތުކުރާ ކަމެކެވެ.