Last Updated: November 29, 10:25
Friday, November 29, 2024
ޚަބަރު

އައްޑޫ ޔޮޓް މެރީނާ ހަދަން އައިސީއެމްޕީއެލް އަށް

އައްޑޫ ޔޮޓް މެރީނާ ތަރައްޤީ އަދި ސިޓީ ހޮޓާ ތަރައްޤީ ކުރަން ނިންމާފައިވާ ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

އައްޑޫ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް އަދި 100 އެނދުގެ ހޮޓަލް ތަރައްޤީ ކުރުމަށް ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން މިމަޝްރޫޢު ހަވާލު ކުރުމަށް ނިންމާފައި ވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިސީއެމްޕީއެލް) ކިޔާ ކުންފުންޏަކާ އެވެ.

ފޭދޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާނިމިނަލަކާ އެކީ 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ކައުންސިލުން ފުރުސަތު ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ.

އެގޮތުން މަޝްރޫޢު އަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހަޅަން ފުރުސަތު ދީ، އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރަން ކައުންސިލްގެ ބީލަން ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި ކައުންސިލަށް ކޮމެޓީގެ ނިންމުން ހުށަހެޅުމުން ބުދަ ދުވަހު ބޭއްވި ކައުންސިލް ޖަލްސާގައި ބައިވެރިވި 9 ކައުންސިލަރެއް ވޯޓު ދީގެން ފާސްކޮށްފައިވެ އެވެ. މި ހުށަހެޅުމަށް ވޯޓުގައި ބައިވެރި ނުވަނީ ތިން ކައުންސިލަރެކެވެ.

ކައުންސިލުން މިދިޔަ ޖުލައި މަހު މިކަމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލިއިރު، ކުންފުނިތަކުން އެ ކުންފުނިތަކުގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އަދި ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ އެ ކުންފުންޏަކަށް ލިބިފައިވާން ޖެހެ އެވެ.

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލަން ހަދަން ނިންމާ އެވާހަކަ ދައްކަމުން އަންނަނީ 2021 އިން ފެށިގެންނެވެ. މި ފެސިލިޓީތައް ގާއިމުކުރަން ހަމަޖެހިފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާއި އެ ސަރަހައްދުގަ އެވެ. މި ސަރަހައްދަކީ މިހާރު ވެސް ޔޮޓްތައް ކޮންމެވެސް ވަރަކަށް ކައިރީ ކުރާ ސަރަހައްދެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި ފޭދޫ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަށް ބިން ކަނޑައަޅާފައިވެ އެވެ.

މި ޕްރޮޖެކްޓަށް މީގެ ކުރިން ވެސް ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވަނީ ފާހަގަކޮށްފަ އެވެ. އައިސީއެމްޕީއެލް މި މަޝްރޫޢު ހަވާލުކުރަން ނިން މިއިރު، މި މަޝްރޫޢުއަށް ހިންގާނެ ޙަރަދާއި އަދި މަޝްރޫޢު ކުރިއަށް ގެންދަން ރާވާ ގޮތެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ވަރަށް އަވަހަށް އެ ކުންފުންޏާ އެކީ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެ އެވެ.