އައްޑޫސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ހިމެނޭ ފަރާތްތަކަށް މަހަކު މަދުވެގެން އެއް ބައްދަލުވުން ބާއްވާ 5000ރ. ގެ އެލެވެންސެއް މަހަކު ދޭން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ ކުންފުނީގެ ބޮޑަށް އެލަވެންސެއް ދިނުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ކުންފުނީގެ ބޯޑުގެ ބައެއް ކަންކަން ސާފު ކޮށްދިނުމަށް ކައުންސިލުން ހުށަހެޅުމުންނެވެ. އެގޮތުން މީގެ ކުރިން ކައުންސިލުން ބޯޑަށް އެލަވެންސް ދޭން ނިންމިއިރު، މަދުވެގެން 3 ބޯޑު ބައްދަލުވުމަށް ހާޒިރުވުމުން 5000ރ. އެލަވެންސެއް ދޭން ވަނީ ނިންމާފައެވެ.
ނަމަވެސް މި އެލަވެސް ދިނުމުގައި މާނަ އޮޅޭ ކަންކަން ހުރުމުން މި ނިންމުން އަލުން މުރާޖަޢާ ކުރަން ކައުންސިލަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ކައުންސިލަށް މިދިޔަ ހަފްތާގައި މައްސަލަ ހުށަހެޅުމުން ކައުންސިލުން ވަނީ މި ނިންމުމުގައި މުރާޖަޢާ ކުރަން ބޭނުންވާ ބައި ބޯޑުން ހުށަހެޅުމަށް އެދިފައެވެ. މި ހަފްތާގެ ކައުންސިލް ޖަލްސާ މިމައްސަލަ އަލުން ތާވަލް ކުރެވުނު އިރު، ދެ ކަމެއް ބޯޑުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ފުރަތަމަ ކޮންމެ މަހަކު 3 ބައްދަލުވުން ބާއްވަން ނުޖެހޭނެ ހާލަތްތައް އަންނާނެ ކަމަށެވެ. ދެވަނަ ކަމަކީ ކޮންމެ މަހަކު މަދުވެގެން ބޯޑުގެ 1 ބައްދަލުވުން ބޭއްވުމަށާއި، މަހަކު އެއް ބައްދަލުވުމަށް ހާޒިރުވުމުން 5000ރ. އެލަވެންސް ލިބޭ ގޮތް ވުމެވެ.
ކައުންސިލްގެ ޖަލްސާގައި މިމައްސަލަ ހުށަހެޅި ގޮތަށް ފާސް ކުރަން ކައުންސިލަރ އަދާލާ ވަނީ ހުށަހަޅުއްވަފައެވެ. އަދި އެގޮތަށް ފާސް ކުރަން ކައުންސިލަރ ޝިނާޒް ވަނީ ތާޢީދު ކޮށްފެވެ. މިމައްސަލައިގެ ބަހުސްގައި ކައުންސިލަރ އަހުމަދު ސައީދު ވަނީ މަހަކު އެއް ބައްދަލުވުން ބާއްވައިގެން މިވަރުގެ އަދަދެއް ދިނުމަށް ނުފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި ބާއްވާ ކޮންމެ ބައްދަލުވުމަކަށް 1000ރ. އެލަވެންސެއް ދޭން ހުށަހެޅިއެވެ. ނަމަވެސް މި ހުށަހެޅުމަށް ތާއިދެއް ނުލިބެއެވެ.
ކައުންސިލުން ނިންމީ، މަހަކު މަދުވެގެން އައްޑޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެއް ބައްދަލުވުން ބާއްވައި، މަހަކު އެއް ބައްދަލުވުމަށް ހާޒިރުވުމުން 5000ރ. ގެ އެލަވެންސެއް ދޭށެވެ.
އައްޑޫސިޓީ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުވެސް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން ކުންފުނިން ބޯޑުގައި 3 މެންމްބަރުން ތިބެއެވެ.
1. ހަސަން ރަޝީދު، ފްލާވަރގެ / ސ. މަރަދޫ (މެނޭޖިންގް ޑިރެކްޓަރ)
2. މުހައްމަދު އިމާން، ވައިޖެހޭގެ / ސ. މަރަދޫ
3. މުހައްމަދު ޝުޢާއު، ވައިލެޓްމާގެ / ސ. ހިތަދޫ (ސިޓީ ކައުންސިލް)
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ކައުންސިލުތަކަށް އަމިއްލަ ވިޔަފާރި ކުރުމަށާއި އެހެން ކަންކަން ކުރުމަށް ކުންފުނިތައް އުފެއްދުމުގެ ފުރުސަތު ވަނީ ދީފައެވެ. އައްޑޫ ލޯކަލް އޮތޯރިޓީ ކުންފުނިން ރެޖިސްޓަރ ކޮށްދީފައިވަނީ މިއަހަރު ޖޫން މަހުގެ ތެރޭގައެވެ.