Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ފިލައިގެން އުޅޭ ދެ މީހަކު ހޯދަނީ

ޔަމަން (ކ) އާއި މަމްދޫހު: މި ދެ މީހުން ފުލުހުން އަންނަނީ ހޯދަމުން. ފޮޓޯލ ޕޮލިސް

ކޯޓު އަމުރު ތަންފީޒް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވޭ ހާޒިރު ކުރެވިފައި ނުވާ އައްޑޫ ދެ މީހަކު ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކާއި ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ އެ މީހުންގެ މަޢުލޫމާތު ޢާންމުކޮށް ޢިއުލާނުކޮށްގެން ހޯދަން ފަށައިފި އެވެ.

ހޯދަމުން ދަނީ ހިތަދޫ، ހަވާސާ މުޙައްމަދު މަމްދޫދު،29، އާއި މަރަދޫ، ރަތްމާގެ ޔަމަން ނަޒީރު، 26، އެވެ.

މި ދެ މީހުންގެ ތެރެއިން ޔަމަން ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދަނުގައި ބަހައްޓައިގެން މި މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މަމްދޫދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.