ސްޓްރޯންގް ސިޓީސް ނެޓްވޯކުން އިންތިޒާމުކޮށްގެން އެމެރިކާގައި ބާއްވާ 4 ވަނަ ގްލޯބަލް ސަމިޓުގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
އައްޑޫސިޓީ ކައުންސިލް މި ފޯރަމުގައި ތަމްސީލު ކުރައްވަނީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާޢު އެވެ. މިމަހުގެ 17 އިން 23 އަށް ކުރިއަށް ދިޔަ މި ފޯރަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިޓީތަކުގެ މޭޔަރުން ނުވަތަ އިސްވެރިން ބައިވެރިވަޑައިގަންނަވައެވެ. ސަމިޓު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ނިއު ޔޯކުގައެވެ.
އެ ނެޓްވޯކުގެ ގްލޯބަލް ސަމިޓުގެ ބޭނުމަކީ ބައިވެރިންގެ މެދުގައި މުހިންމު ކަންކަމާއި މެދު މަޝްވަރާކޮށް ގުޅުން ބަދަހި ކުރުމުގެ އިތުރުން، އާންމުކޮށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެއްބާރުލުން ދިނުމާއި އެހީތެރިވުމެވެ.
މި ނެޓްވޯކުގައި ދުނިޔޭގެ 170 އަށް ވުރެ ގިނަ ސިޓީ ހިމެނޭއިރު، އައްޑޫ ނެޓްވޯކުގެ މެންބަރު ސިޓީ އަކަށްވީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އެސްސީއެން އަކީ މައިގަނޑު ގޮތެއްގައި އިޖުތިމާއީ ގޮތުން ބަދަހި މުޖުތަމައަކަށް މަސައްކަތްކުރާ، އެކަމުގެ ހާލަތު ދުނިޔޭގެ ސިޓީތަކުގެ މެދުގައި އޮންނަ މިންވަރު ވަޒަންކޮށް ބަލައި ކަންކަން ރަނގަޅުކޮށް، އިސްލާހުކުރަން ޓެކްނިކަލް އެހީތެރިކަން ދެމުން އަންނަ ނެޓްވޯކެކެވެ. އޭގެ ތެރޭގައި ތަފާތުކުރުންތަކާއި ހަރުކަށިފިކުރާއި އިންސާނީ ވަގުފާރި އާއި ބައިބައިވުން ފަދަ މައްސަލަތަކާ ދެކޮޅަށް އެސްސީއެން މަސައްކަތްކުރެ އެވެ.