Last Updated: October 23, 09:05
Wednesday, October 23, 2024
ޚަބަރު

އޭވިއޭޝަން ދާއިރާގެ މުސާރަ ބޮޑުކުރަނީ

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ޖަގަހައިގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެ މުވައްޒަފުންގެ މުސާރަ ރިވިއުކުރުމަށްޓަކާ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން ލަސްތަކެއް ނުވެ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމެއް ލިބިދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމިއިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން 40 ޕަސަންޓަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފަ އެވެ. މުސާރަތަކަށް އަންނަ ހެޔޮ ބަދަލާއެކު 44،208 މީހެއްގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.