ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކުށް ދައުވާ ކުރި، އަބްދުﷲ އަލި މަނިކު އަދި މުހައްމަދު ތަސްލީމުގެ މައްޗަށް ކުރި ދައުވާގެ ތެރެއިން އަލިމަނިކަށް 5 އަހަރުގެ ޖަލު ހުކުމެއް އައިސްފިއެވެ.
އަލީމަނިކާއި ތަސްލީމްގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ. މިމައްސަލާގައި ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމިއިރު، އަލިމަނިކަށް ވަނީ 5 އަހަރު ޖަލު ހުކުމެއް އައިސްފައެވެ.
އަލިމަނިކުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާ ޖަލުގައި ހޭދަ ކުރަން ޖެހެނީ 2 އަހަރާއި 9 މަހާއި 29 ދުވަހެވެ. އެއީ އޭނާ މިމައްސަލައިގައި ހައްޔަރު ކުރެވުނު ދުވަހުން ފެށިގެން ހުރީ ބަނދުގައި ކަމަށްވާތީ އެއަށް ކެނޑުމަށް ފަހުއެވެ.
މި މައްސަލާގައި މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ވެފައި ނުވެއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 27-1 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުންކަމާއި، މިމައްސަލައިގައި މުޙައްމަދު ތަސްލީމްގެ މައްޗަށް މިމިންވަރަށް ހެކި ލިބިފައި ނެތްކަމަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ތަސްލީމްގެ މައްސަލަ އިސްތިއުނާފް ކުރުމާއި މެދު އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.