Last Updated: September 9, 14:39
Monday, September 9, 2024
ޚަބަރު

ނޭނގި އެހެން ތަނަކަށް ރީރެޖިސްޓްރީވެގެން މަދު ޝަކުވާއެއް

ނޭނގި އެހެން ތަނަކަށް ރީ-ރެޖިސްޓަރ ވެގެން ޝަކުވާ ހުށަހަޅާފައިވަނީ މަދު ފަރާތެއް ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް މި ހޮނިހިރު ދުވަހު ތައްޔާރުވަމުންދާއިރު، މިދިޔަ ހަފްތާ ތެރޭ ވަނީ ދެވަނަ ބުރަށް ރީރެޖިސްޓަރ ކޮށްފައެވެ. އެގޮތުން ރީރެޖިސްޓްރޭޝަން ކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސައްޙަވީ 38763 ފަރާތެއްގެ ފޯމެވެ. އަދި އިތުރު 11284 ފޯމެއްގެ ސައްޙަކަން ކަށަވަރު ނުވާ ކަމަށް އީސީން ބުނެއެވެ.

އީސީން ވަނީ ރީރެޖިސްޓަރ ކުރި ފަރާތްތަކަށް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް 48 ގަޑިއިރު މި ހަފްތާ ބަނދުތެރޭ ދީފައެވެ. ޝަކުވާ ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވަނީ 361 ޝަކުވާ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

މީގެ ތެރެއިން ވެސް ނޭނގި ސައްޙަ ނޫން ފޯމެއް ލައިގެން އެހެން ތަނަކަށް ރެޖިސްޓަރ ވެފައިވާ ކަމަށް ހުށަހަޅާފައިވަނީ ވަަރަށް މަދު ފަރާތެއް ކަމަށް އީސީން ބުނެއެވެ. އަދި ގިނައިން ޝަކުވާ ލިބިފައި ހުރީ ސައްޙަ ނޫން ކަމަށް ކަނޑައެޅި ފޯމުތަކާއި ގުޅޭގޮތުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިފަރާތްތަކަށް ޖަވާބު ދެއްވަމުން ދާ ކަމަށް އީސީން ބުނެއެވެ. އަދި މިއަދުގެ ވަގުތެއްގައި ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ، 282،803 މީހުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 282،395 މީހުންނަށެވެ.