Last Updated: November 29, 10:25
Friday, November 29, 2024
ޚަބަރު

ގޯތި ދޭން އުތުރުތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކާ

ބިންވެރިޔާ ސްކީމުގެ ދަށުން އުތުރު ތިލަފަޅު ހިއްކައިގެން ބިން ދޫކުރުމަށް ހިއްކަން ނިންމާފައިވާ ސަރަހައްދުގެ ޗާޓު ސަރުކާރުން އާންމުކޮށްފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ 2 ވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވަނީ އިއުލާން ކުރައްވާފައެވެ.

އުތުރުތިލަފަޅަކީ އިދިކޮޅު ފަރާތްތަކުން އިންޑިއާއިން އަސްކަރީ މަރުކަޒެއް ޤާއިމް ކުރުމަށް މަސައްކަތް ކުރާ ތަނެއް ކަމަށް ބުނާ ފަޅެވެ. މިތަނުގައި ޤާއިމް ކުރާ ސިފައިންގެ ޑޮކްޔާޑު އުތުރު ތިލަފަޅާއި އިންވެގެން އޮތް ނަމަވެސް، މި ދެ ސަރަހައްދު ވެލި އަޅައި ގުޅޫވާ ނުލާނެއެވެ. އެހެންނަމަވެސް އެމްއެންޑީއެފްއިން ތަރައްޤީ ކުރާ ސިފަވަރު އޮންނާނީ މީހުން ދިރިއުޅެން ކަނޑައަޅާ ސަރަހައްދާއި ވަރަށް ކައިރީގައެވެ. މި ސަރަހައްދުގެ ޗާޓެއް ޕްލޭނިންގް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ.


ސަރުކާރުން މިހާރު ވަނީ މި ސަރަހައްދުން ބިން ދިނުމަށް 215 ހެކްޓަރު ހިއްކާނެކަން ހާމަކޮށްފައެވެ. އަދި މި ޕްރޮގްރާމް އިއުލާންކޮށް ގެޒެޓްގައިވާ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5525000 އަކަފޫޓުގެ ސަރަހައްދެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ދަށުން ބިން ދޭ ނިންމާފައިވަނީ މާލޭގައި މަދުވެގެން 20 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށެވެ. އަދި ބިމުގެ ބޮޑު މިނަކީ ކުރިމަތިލީ އެއް ފަރާތްތަކުން ނަމަ 1250 އަކަ ފޫޓެވެ. އަދި އިތުރުވާ ކޮންމެ ކޯ އެޕްލިކެންޓަކަށް 400 އަކަފޫޓު އިތުރުވެއެވެ.

ބިންވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރިއަށް ގެންދެވޭ މުހިންމު ސްކީމެކެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.