Last Updated: November 29, 10:25
Friday, November 29, 2024
ޚަބަރު

ޔޫޓީއެފްގެ އެމްއެންޑީއެފް ސަރަހައްދަށް ވަންނަން އުޅުނީ ހުއްދަ ނުހޯދާ

އުތުރު ތިލަފަޅު އެމެއެންޑީއެފް ބަނދަރަށް އަރަން އުޅުމުން ސިފައިންގެ ބޭކަލެއް އެކަން ހުއްޓުވާ މަންޒަރ -

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްޤީ ކުރަމުންދާ ބަނދަރު ސަރަހައްދަށް "ދިޔަރެސް" ނޫހުގެ ނޫސްވެރިން ވަންނަން މަސައްކަތް ކުރީ ހުއްދަ ނުހޯދާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، މި ސަރަހައްދުގައި ހުރި އެމްއެންޑީއެފް ބަނދަރުތެރެއަށް ވަންނަން މަސައްކަތްކޮށް ވީޑިއޯކޮށް ހެދީ ހުއްދަ ނުހޯދައި ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ހުއްދަ ނުހޯދައި ވަނުން މަނާ ތަނަކަށްވާއިރު، އެތަނަށް ވަންނަން މަސައްކަތްކޮށް އެކަން ހުއްޓުވާފައިވަނީ އެމްއެންޑީއެފްއަށް ލިބިގެންވާ ޤާނޫނީ ބާރުގެ ދަށުން ކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ވަނީ މީގެ ކުރިންވެސް އެ ބަނދަރު ބެލުމަށް ހުއްދައަކަށް އެދިގެން އައި މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދީފައިކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް މިގޮތަށް ހުއްދަ ހޯދުމެއް ނެތި އެތަނަށް އަރަން މަސައްކަތް ކުރުމަކީ ޤާނޫނާއި ޤަވާއިދާ ޙިލާފުކަމެއް ކަން ވަނީ ފާހަގަކޮށްފައެވެ.

ޔުޓީއެފްގައި ތަރައްޤީ ކުރަމުންދާ އެމްއެންޑީއެފް ބަނދަރަށް އަރަން މިއަދުގެ ވަގުތެއްގައި ނޫސްވެރިންތަކެއް މަސައްކަތް ކުރީ، އުތުރު ތިލަފަޅުން ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ގޯތި ދޫކުރަން ނިންމާފައިވާ ކަން ހާމަ ކުރުމުންނެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެމްއެންޑީއެފްގެ ބަނދަރު ހުރި ސަރަހައްދު ފިޔަވައި އުތުރު ތިލަފަޅުގެ ބާކީ ބައި ބޭނުން ކުރާނީ، ރެޒިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަމަށް ސަރުކާރުން ނިންމާފައިވާނެ ކަމަށެވެ. ނަމަވެސް ސިފަވަރުގެ ނަމުގައި އެމްއެންޑީއެފްއިން އިންޑިއާގެ އެހީތެރިކަމާއިއެކު ހަދަމުންދާ ބަނދަރަކީ އެ ބައިގެ ތެރޭ ހިމެނޭ ސަރަހައްދެއް ނޫން ކަން ވަނީ ހާމަކޮށްފައެވެ.


އުތުރުތިލަފަޅުން ގޯތި ދޫކުރަން ހިއްކާ ސަރަހައްދުގެ ޗާޓެއްވެސް މިއަދުގެ ވަގުތެއްގައި ސަރުކާރުން ވަނީ އާންމުކޮށްފައެވެ. ސަރުކާރުން އާންމުކޮށްފައިވާ ކުރެހުމުގައިވެސް މި ބަނދަރަކީ ގޯތި ދޫކުރާ ސަރަހައްދު ތެރޭގައި ހިމެނޭ ތަނެއް ނޫނެެވެ.

އެމްއެންޑީއެފް ބަނދަރަށް ނޫސްވެރިންގެ ލޯންޗު ކައިރި ކުރަން އުޅުމުން އެކަން ހުއްޓުވާފައިވަނީ އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކަލާސް ރޭންކުގެ ބޭކަލެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. އަދި އެފަރާތުން ޢަމަލުކޮށްފައިވަނީ ހުއްދަ ނެތި ވަނުން މަނާ ސަރަހައްދަކަށް ނުވަދެވޭނެ ކަން އެނގުމުގެ ގޮތުން އޮންނަ އުސޫލުތެ ތެރެއިންކަން ވަނީ ފާހަގަކޮށްފައެވެ.

ސިފައިންވަނީ ޤާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއަދު ހިންގި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.