މިއީ ބައެއްގެ ފިތުނައިގައި ނުޖެހި އެއްބައިވާންވީ ވަގުތު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ، ދި ޑިމޮކްރެކްޓްސް އަށް އިޝާރާތްކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށް ދިނުން މުހިއްމުކަން ފާހަގަކުރައްވައި އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކުރިމަތީގައި މިހާރު އޮތީ "ވިންވިން ސިޗްއޭޝަނަކަށް ދާންވީ ވަގުތު" ކަމަށެވެ.
"ޑިމޮކްރެޓްސް ގެ ބައެއް އިސް ބޭފުޅުން މިއަދު އިބޫ ނޫން ގޮތެއް ކަމަށް ބުނަމުން ދިއުމަކީ ހަމަ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫން ގޮތެއް ކަމަށް ބުނަށް ދެވޭ ޖާގައެއް،" މަހުލޫފް ވިދާޅުވި އެވެ. "ޑިމޮކްރެޓްސްގެ ލީޑަޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމެއްކަމަށް ދެކެން."
ޑިމޮކްރެޓްސް ގެ ބައެއް އިސް ބޭފުޅުން މިއަދު އިބޫ ނޫން ގޮތެއްކަމަށް ބުނަމުން ދިއުމަކީ ހަމަ މާދަމާ އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނޫންގޮތެއް ކަމަށް ބުނަށް ދެވޭ ޖާގައެއް. ޑިމޮކްރެޓްސްގެ ލީޑަރޝިޕުން އަދިވެސް އިތުރަށް ވިސްނާލަން މުހިއްމު ކަމެއްކަމަށްދެކެން.
މިއީ އޮތް…
— Ahmed Mahloof (@AhmedMahloof) September 25, 2023
އޭނަ ވިދާޅުވީ މިއީ މި ވަގުތު ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެއް ބަޔަކު އަނެއް ބައެއްގެ އަތުގައި ހިފަންވީ ވަގުތު ކަމަށެވެ.
"ވިން ވިން ސިޗުއޭޝަން އަކަށް ދާންވީ ވަގުތު. ބައެއްގެ ފިތުނައިގައި ނުޖެހި އެއްބައިވާންވީ ވަގުތު." މަހުލޫފް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯދުމާ ގުޅޭ ގޮތުން މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ރައީސާއި ނަޝީދު ބައްދަލު ވެސް ކުރައްވާފައިވެ އެވެ. ނަމަވެސް ޑިމޮކްރެޓްސް އިން ކުރިން ނިންމާފައި އޮތީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
ރައީސާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވާ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.