Last Updated: September 9, 17:12
Monday, September 9, 2024
މުނިފޫހިފިލުވުން

ކުއްޖެއްގެ މަރުގެ ހަގީގަތް "ގަރީނާ" އިން

ރާއްޖޭގެ ރަށެއްގައި ފަސް އަހަރުގެ އަންހެން ކުއްޖަކު އަނިޔާވެރިކޮށް މަރާލި ހާދިސާއަކާ ގުޅިގެން، އެ ހާދިސާގެ ހަގީގަތް ހޯދަން އަންހެން ނޫސްވެރިޔަކު ކުރާ މަސައްކަތްތައް ދައްކުވައިދޭ ވެބް ސީރީޒް "ގަރީނާ" އަންނަ މަހުގެ 5 ގައި މީޑިއާ ނެޓުން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި އިންވެސްޓިގޭޝަން ތުރިލާ އަކީ މި އަހަރުގެ ފެބްރުއަރީގައި އޮލިމްޕަހުގައި ދެއްކި ފިލްމު "ބީވީމާ" ލިޔެ، ޑައިޓްކުރުމުގެ އިތުރަށް މެއި މަހު އެޅުވި ފިލްމު "ލޯބިވެވިއްޖެ" ގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ޒަރީރު ހިއްސާވާ އެއްކާފު ޕްރޮޑަކްޝަނުން ގެނެސްދޭ "ގަރީނާ" ގެ ރޯލެއް ފައިސަލް ވެސް ކުޅެފައިވާ އިރު، މީގެ މައިގަނޑު ކެރެކްޓާ ކުޅެފައި ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. އޭނަ އަކީ ޒަރީރުގެ ސްކްރީންޕްލޭއަކަށް ގެނެސްދިން ޕޮލިޓިކަލް ތުރިލާ "މަރްޔަމް" ގެ ވެސް ބަތަލާ އެވެ.

"ގަރީނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަލި ޝަޒްލީމް، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ ފާރޫގް، މަރިޔަމް ހަލީމް، އައިޝާ އަލީ، އަހުމަދު ޝާރިފު އަދި މަރިޔަމް ވަހީދާ ހިމެނެ އެވެ.