ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމާއި މެދު ބީއެމްއެމްލްއާއި އެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ، ދެވަނަ ބުރުގެ ކެމްޕެއިނަަށް އައްޑޫއަށް ވަޑައިގެން ހިތަދޫގައި އެމްޑީޕީ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުރަތަމަ ބުރުގައި ދިމާވި ކަންކަން ހައްލު ކުރާނެ ގޮތް އެ މަނިކުފާނު ހިއްސާ ކޮށްދެއްވިއެވެ. މީގެ އިތުރުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ގެންގުޅުއްވާ ވިސްނުން ހާމަކުރެއްވިއެވެ.
އައްޑޫގައި ބޭއްވި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އައްޑޫގެ މޭޔަރ އަލީ ނިޒާރުވެސް އައްޑޫއިން ޑޮލަރު ނެގޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާތީ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"އައްޑޫސިޓީން އެ ޙިދުމަތް (ޑޮލަރު އޭޓީއެމް) ލިބޭނެ ގޮތެއް ހަދައި ދިނުމަކީ، މިރަށުގެ ޒުވާނުންނާއި އަދި މަސައްކަަތް ކުރާ ވިޔަފާރިވެރިން އެދޭ އެދުމެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ބީއެމްއެލް އާއި އެކު މަޝްވަރާކޮށް އައްޑޫސިޓީން ޑޮލަރު ނެގޭނެ އިންތިޒާމެއް؛ އޭޓީއެމްއެއްގެ ތެރެއިން އެ ޙިދުމަތް ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައި ދެއްވަން ބޭންކާއި އެކު މަސައްކަތް ކުރާނަން " ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމަނިކުފާނުގެ ވިސްނުންފުޅު ހިއްސާކޮށްދެއްވިއެވެ. އެގޮތުން ޑީ-ޑޮލަރައިޒޭޝަން ނުވަތަ ރާއްޖޭގެ އެތެރޭގެ ހުރިހާ މުޢާމަލާތެއް ދިވެހި ރުފިޔާއަށް ބަދަލު ކުރުމާއި، ރާއްޖެއަށް ވަނަ ޑޮލަރު ވަކި މުއްދަތަކަށް ހިފެހެއްޓުން ވަނީ ހިމެނެއެވެ. އެގޮތުން ޑޮލަރުގެ 30 ޕަސެންޓުވެސް ހިފެހެއްޓިޖެ ކަމުގައި ވަނީ ނަމަ ޑޮލަރު ރޭޓް 15 އަށް ވުރެ ތިރި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އިންތިހާބު ވުމާއި އެކީގައި، މިއިން ކޮންމެވެސް އެއްގޮތެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ތަންފީޒު ކުރަން ފަށާނަން. އޭރަށް ރައްޔިތުންނަށް ވެގެން މިއުޅޭ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ " ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެކި ސިނާޢަތަކުގެ ކޯ ފޯކަސް ގްރޫޕްތަކާއި މި ވޭތުވެ ދިޔަ ދުވަސްތަކުގައި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި މިހާރުވެސް ތަންފީޒުކޮށް ގެންނަމުންދާ ބަދަލުތަކަކީ މެނިފެސްޓޯގައި ލިޔެފައި ހުރިކަންކަން ކަމަށާއި އެ ބަދަލުތައް ތަފްސީލްކޮށް ދެމުންދާ ކަމަށް ވިދާޅުވިއެވެ.