Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ހުޅުމީދޫ ބްރިޖް ހަދަން ފުރަތަމަ އަހަރު ފަށާނަން

ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ވަޢުދުވެފައިވާ ބްރިޖުގެ ޢަމަލީ މަސައްކަތް ފުރަތަމަ އަހަރުވެސް ފަށަން ބޭނުންވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

އައްޑޫ އަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދު ފޭދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވީ ބައްދަލުވުމުގައި މުއިއްޒު ވަނީ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވާ އަދި އެ ފަރާތްތަކު ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މި ބައްދަލުވުމުގައި މުއިއްޒުއާ ވަނީ ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލާ ބްރިޖް ޢަމަލީ މަސައްކަތް ފެށޭނީ ކިހާއަވަހަކަށްތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވަނީ އެންމެ ފުރަތަމަވެސް އީނީޝިއަލް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑީޓެލް ޕްލޭނިންގް މަސައްކަތަށް ފަހު އެ މައުލޫމާތު ރައްޔިތުންނާއި ވީހާވެސް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އުއްމީދަކީ އަދި އަޒުމަކީ އެންމެ ފުރަތަމަ ކޮޅު އަދި އެންމެ ފުރަތަމަ ހަފްތާގައިވެސް އިނީޝިއަލް ވޯކް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވާނެ، އެހެންނަމަވެސް އޭގެ ޑީޓެއިލް ޕްލޭން ހަދައި، އެކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރާނަން. އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ ފުރަތަމަ އަހަރު ދުވަހު ތެރޭ މަސައްކަތް ފެށުމަށް" މުއިއްޒު ވިދާޅުވިއެވެ.

މިމަސައްކަތަކީ ނުވާނެ ކަމެއް ކަމުގައި ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. ނަމަވެސް މުއިއްޒު ވަނީ މިއީ އެޗީވަބަލް އަދި ކުރެވޭނެ ކަމެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން އާންމު ފަރާތެއް ވަނީ އައްޑޫގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތައް މުއްޒުގެ ވެރިކަމެއްގައި ހުއްޓުވާލާނެ ކަމަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނަމުންދާކަމަށް ވިދާޅުވެފައެވެ.

މިކަމަށް ޖަވާބު ދެއްވައި، މުއިއްޒު ވަނީ އެއްވެސް ރަށެއްގައި އެއްވެސް މަރުހަލާއެއްގައި ފަށާފައިވާ އެއްވެސް މަޝްރޫޢެއް ނުހުއްޓުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ބައެއް ރަށްރަށުން ރައްޔިތުންގެ ބަހެއް ނެތި މަޝްރޫޢުތައް ކުރިއަށް ގެންދާ ކަމުގެ ޝަކުވާ ލިބިފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެފަދަ މަޝްރޫޢުތައްވެސް ނުހުއްޓުވައި އިސްލާހުކޮށްގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.