Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އިދިކޮޅުން ސިހުރު ހަދާ ކަމަށް ތުހުމަތުކޮށްފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއާ ކުޅުމަށް އިދިކޮޅު ފަރާތްތަކުން ސިހުރު ހަދަމުންދާ ކަމަށް އެމްޑީޕީ ކޯލިޝަންގައި ހި،މެނޭ އަދާލަތު ޕާޓީން ތުހުމަތުކޮށްފި އެވެ.

އެ ޕާޓީން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެެއްގައި ސިޔާސީ ވާދަވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ސިހުރު ހަދާކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެކަމާ ގުޅުވައި އަދާލަތު ޕާޓީގައި އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސިހުރާ ބެހޭ ގޮތުން ދެއްވާފައި އިރުޝާދެއް ވީޑިއޯއަކާ އެކީ ހިއްސާކޮށްފައިވެ އެވެ.

އޭގައި އޭނަ ވިދާޅުވީ ވާދަވެރިން ކާމިޔާބު ހޯދުމުގެ ނިޔަތުގައި އިސްލާމް ދީނުގައި ހަރާންކޮށްފައިވާ ސިހުރުގެ އެހީތެރިކަން ހޯދަން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކުރައްވާފައިވެ އެވެ. އިޔާޒް ވިދާޅުވި ގޮތުގައި އެފަދަ ކަންކަންކުރާ މީހުން ދީނުން ބޭރުވެގެން ދާނެ ކަމަށާއި ސަބަބަކީ ސިހުރަކީ ކުފުރުގެ އަމަލަކަށްވާތީ އެވެ.

އޭނަ ފާހަގަކުރެއްވި ގޮތުގައި އިސްލާމް ދީނުގައި ސިހުރަކީ ބޮޑުވެގެންވާ 7 ފާފައިގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. އޮޔާޒު ވިދާޅުވީ ސިހުރު ހެދުމަކީ އިންތިޚާބުގެ ނަޒާހާތްތެރިކަން ވެސް ގެއްލިގެންދާ ފަދަ ކަމެއް ކަމަށެވެ. އެހެންވެ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމް ގެންނަން ބޭނުންވާ ނަމަ މިނިވަން އިންސާފުވެރި އިންތިހާބަކަށް ޖާގަ ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ސިހުރާއި، އެނޫން ވެސް ޣައިރު ޝަރުއީ ޣައިރު ޤާނޫނީ ގޮތްގޮތުން އިންތިހާބުގެ ނަތީޖާ އާއި ކުޅެން މަސައްކަތް ކުރުމަކީ މުޅި މުޖުތަމައުގެ އަމަން އަމާންކަމާއި ހަމަޖެހުމަށް ލޮޅުން އަރާފާނެ ކަމެއް،" އިޔާޒު ވިދާޅުވި އެވެ. "އެހެންކަމުން މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާން ޖެހޭ."

އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުން ސިހުރު ހަދާ ކަމަށް އަދާލަތު ޕާޓީން ތުހުމަތުކުރި އިރު، 2013 ގެ އިންތިހާބުގައި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އިންތިހާބުގެ ނަތީޖާ އެ މަނިކުފާނުގެ ކޮޅަށް އަނބުރަން ސްރީ ލަންކާގެ އަސޭލާ ކިޔާ މީހަކު ލައްވައި ސިހުރު ހެދި ވާހަކަ އޭރު ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

މި ފަހަރުގެ އިންތިހާބުގެ ނަތީޖާއާ ކުޅެން އިދިކޮޅުން ސިހުރު ހަދާ ކަމަށް އިދިކޮޅުން ތުހުމަތުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) މިދިޔަ އަންގާރަ ދުވަހު އައްޑޫގައި އެމްޑީޕީ އަށް ބަހުގެ ހަމަލާތަކެއް ދެއްވައި ވިދާޅުވީ ސިހުރު ހެދިޔަސް ދެން އެމްޑީޕީ މޮޅެއް ނުވާނެ ކަމަށެވެ.