ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގެދޮރު އިމާރާތް ކުރުމަށް ލުއި ލޯނު ހަމަޖައްސަވައި ދެއްވާނެ ކަަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެބވެ.
މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރޭ މާލޭގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށާއި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައިވެސް އެއްވެސް ސަރުކާރަކުން އެ މައްސަލަައަށް އަޅާލެވިފައި ނުވާ ކަމަށެވެ.
ނަމަވެސް އެމަނިކުފާން ރައީސް ކަމަށް ވަޑައިގެންނެވީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށްދެއްވާނެ ކަމުގެ ވައުދާއި އެކު ކަމަށެވެ. އެގޮތުން މިހާރު މާލެ ސަރަހައްދުން ގިނަ ބަޔަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކުން މިހާރު އެންމެ ބޮޑަށް ބޭނުންވާނީ އެގޯތިތަކުގައި އިމާރާތް ކުރުން ކަަމަށާއި، އެކަމަށްވެސް އެމަނިކުފާންގެ މެނިފެންސްޓޯގައި ހިމަނާފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ދިގު މުއްދަތުން ފައިސާ ދައްކާގޮތަށް ލުއި ލޯން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓު ބޭންކެއް އުފައްދައި އެ ބޭންކު މެދުވެރިކޮށް ލޯނު ދިނުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން މިފަހަރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ދޫކޮށްފައިވަނީ ކުރީ ސަރުކާރުގައި ފްލެޓު ދިނުމަށް ރައްޔިތުން އުފުލި ތަކްލީފުތަކަށް ބަލައި ގޭގެ ސިޓިން ރޫމްތަކުގައި ތިބެ އޮންލައިންކޮށް ފޯމު ހުށަހަޅައިގެންނެވެ. އަދި ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އާއްމުކޮށްފައިވާ އިރު އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށް ގޯއްޗަށް އެދުނު ގިނަ ރައްޔިތުން ވަނީ ބުނެފައެވެ.
ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުގެ އިތުރުން އުތުރުތިލަ ފަޅުވެސް ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ގޯތި ދޫކުރުމަށް ގުޅީ ފަޅު ހިއްކައި ނިންމައި، ގިރާވަރު ފަޅާއި، ހުޅުމާލެ ފޭސް 3ގެ ހިއްކުން ވަނީ ފެށިފައެވެ. އަދި ވަރަށް އަވަހަށް އުތުރުތިލަފަޅުން ގޯތި ދޫކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުން ދޫކުރުމަށް ނިންމި ހުރިހާ ގޯތީގެ އިން ވަކިކޮށް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.