Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ނިހާދާއި މަވޯޓާ އަށް ދިން ހަމަލާ ބަލަން ގޮވާލައިފި

އިއްޔެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދެ މެންބަރަކަށް ބަޔަކު ހަމަލާ ދިން މައްސަލަތައް އެޗްއާރްސީމުން ކުށްވެރިކޮށް، އެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބެލުމަށް ގޮވާލައިފި އެވެ.

އިއްޔެ ހަމަލާތަކެއްގެ ޝިކާރައަކަށްވި ދެ މެމްބަރުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ ފޭދޫ މެމްބަރު މުހައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) އެވެ. ނިހާދަށް އޭނަގެ ރަށުގައި ބަޔަކު ދިން ހަމަލައާ ގުޅިގެން ސިއްހީ މަރުކަޒުގައި އެޑްމިޓް ވެސް ކުރި އެވެ. މަވޯޓާ އަށް ހަމަލާ ދިނީ މާލޭގެ އެވެ.

އެމްޑީޕީން ބުނެފައި ވަނީ އެ ހަމަލާތައް ދިނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ތޮލާލް ވިދާޅުވެފައި ވަނީ އެ މާރާމާރީތަކުގައި ޕީޕީއެމާއި ޕީއެންސީގެ އެއްވެސް މެމްބަރެއް އަދި ސަޕޯޓަރެއްގެ ވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ނިހާދާއި މަވޯޓާ އަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް އެޗްއާރްސީމުން ބުނީ ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށް ވެސް އެކި ވަރުގެ ހަމަލާ ދީފައިވާތީ ކޮމިޝަނުން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށެވެ.

"ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައި ވެސް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކޮމިޝަނުން ކަންބޮޑުވާ ކަމެއް." އެޗްއާރްސީއމުން ބުންޏެވެ. "މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދުމަކޮށް ދެން."

އެތަނުން ވަނީ ނިހާދާއި މަވޯޓާ އަށް ހަމަލާދިން މައްސަލަ ކަމާގުޅުން ހުރި އިދާރާތަކުން ވީހާ ވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވައިލައިފަ އެވެ.