Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

މުޢިއްޒު ކުރި ހޯއްދެވީ 19،291 ވޯޓުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު ކުރި ހޯއްދެވީ 19،291 ވޯޓުގެ ތަފާތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ވަގުތީ ނަތީޖާއަށް ބަލާއިރު، އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އަދި ރަނިންގް މޭޓް ހުސެއިން މުހައްމަދު ލަތީފަށް ލިބިވަޑައިގެންނެވީ 129،159 ވޯޓެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި މިހާރުގެ ރައީސުލްޖުމުހޫއްރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އަދި ރަނިންގް މޭޓް މުހައްމަދު އަސްލަމް އަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ.

ދެ ކެނޑިޑޭޓުންގެ ދެމެދުގައި ހުރީ 19،291 ވޯޓުގެ ފަރަޤެކެވެ. މިއާއެކު ޖުމްލަ ސައްޙަ ވޯޓުގެ 54.04 އިންސައްތަ ޑރ. މުޢިއްޒުއަށް ލިބިވަޑައިގެންނެވިއެވެ. އަދި 45.96 އިންސައްތަ ރައީސް ސާލިހް ހޯއްދެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާފައިވަނީ، 101635 ވޯޓެވެ. އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް ސާލިޙް ހޯއްދަވާފައިވަނީ 86،161 ވޯޓެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ، ޖުމްލަ 282،804 ފަރާތަކަށެވެ. މީގެތެރެއިން ވޯޓުލާފައިވަނީ 246،915 މީހުންނެވެ. އެހެން ކަމުން ވޯޓުލާން ނިކުމެފައިވަނީ 87.31 އިންސައްތަ މީހުންނެވެ. އިންތިހާބުގައި 7888 ބާތިލް ވޯޓު ވަނީ ގުނާފައެވެ. ސައްޙަ އަދި ސައްޙަ ކަމަށް ކަނޑައަޅާފައިވަނީ 239،027 މީހުންނެވެ.

މިފަހަރު ރިޔާސީ އިންތިހާބަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ބޭއްވި އެއް އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.